ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު ޝާހިދު މިއަދު އިންޑިއާގެ ނިއުދިއްލީއަށް ފުރާވަޑައިގަންނަވާނެ ކަމަށް ޚާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ.

ޚާރިޖީ ވުޒާރާއިން މިއަދު ބުނީ މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅަކީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މި ދަތުރުފުޅާ ގުޅުންހުރި ރަސްމީ ބައްދަލުވުންތައް ކުރިއަށްދާނީ މާދަމާ އާއި ބުދަ ދުވަހު ކަމަށް ޚާރިޖީ ވުޒާރާއިން މަޢުލޫމާތުދެއެވެ. އެގޮތުން މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އިޖުތިމާއީ އަދި އިގުތިސާދީ ދާއިރާއިން ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަޝްވަރާ ކުރުމާއި ކަމާބެހޭ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ހަމަޖެހިފައިވެއެވެ.

“އިންޑިއާއާ ރާއްޖެއާ ދެމެދު އޮންނަ މަތީފެންވަރުގެ ބައްދަލުވުންތަކުގެ ސަޤާފަތުގެ ދަށުން އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރުގެ ދަޢުވަތަކަށް އަޅުގަނޑު ނިއުދިއްލީއަށް ކުރާ ރަސްމީ ދަތުރެއްގައި މިއަދު ފުރުމަށް ވަނީ ހަމަޖެހިފައި.” މިނިސްޓަރ ޝާހިދު މިއަދު ވިދާޅުވިއެވެ.

މިދަތުރުފުޅުގައި ރާއްޖޭގައި އިންޑިއާއިން މިހާރު ކުރިއަށްގެންދާ މަޝްރޫޢުތަކާގުޅޭގޮތުން މިނިސްޓަރ ޝާހިދު އިންޑިއާ ސަރުކާރުގެ ވެރިންނާ މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

އޭގެއިތުރުން އިންޑިއަން ކައުންސިލް ފޯ ވޯލްޑް އެފެއާޒްގައި ބާއްވާ 43 ވަނަ ސަޕްރޫ ހައުސް ލެކްޗާ (އެސްއެޗްއެލް)ގައި މިނިސްޓަރ ޝާހިދު ތަގުރީރު ކުރަށްވާނެއެވެ. ހަމައެއާއެކު އިންޑިއާ ސަރުކާރުގެ އިތުރު އިސްވެރިންނާވެސް މިނިސްޓަރ ޝާހިދު ބައްދަލުކުރައްވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު