މިހާރު މި ފެންނަނީ ފެއިލްވެފައިވާ ސްޓޭޓަކުން ފެންނާނެ ކަންތައްތައް ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ޢުމަރު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް މިމޭރުމުން ވިދާޅުވީ މިދިޔަ ހުކުރުދުވަހު ފުވައްމުލަކު ފަރަށްއެރި އިންޑިއާގެ އެމްއެމް އެކްސްޕޯޓުގެ ބާޖުގެ މައްސަލަ ބަލަމުން ދަނިކޮށް ރާއްޖެއިން ފުރާފައިވާކަމަށް އެންވަޔަރމަންޓް ޕްރޮޓެކްޝަން އެޖެންސީން ހާމަކުރުމާ ގުޅިގެންނެވެ.

އާދަމް ޝަރީފް ވިދާޅުވީ މިއީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި ރާއްޖޭގެ ރަށަކަށް ގެއްލުން ދިނުމަށްފަހު ފިލައިގެންދާން ފުރުސަތު ލިބިގެން ނުވާނެކަމަށެވެ. ހަމައެއާއެކު ފަރަށް ނާރާކަމަށްބުނެ ދޮގުހެދުމަށްފަހު ރާއްޖޭން ފިލައިގެން ދިޔައިރު ސަލާމަތީ ކަންތައްތައް ބަލަހައްޓަވާ ފަރާތްތަކުގެ ދައުރާމެދު އާދަމް ޝަރީފް ސުވާލު އުފެއްދެވިއެވެ.

“މީ ރާއްޖޭގެ ސިޔާދަތީ ބާރު ގެއްލިފައިވާކަމުގެ ހެކި. ފެއިލްޑް ސްޓޭޓަކުން ފެންނާނެ ކަމެއް.” އާދަމް ޝަރީފް ވިދާޅުވިއެވެ.

މި މައްސަލާގައި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީން ބުނީ މައްސަލަ ތަހުގީގުކުރަމުން ދަނިކޮށް ރާއްޖެ ދޫކޮށް އެބާޖު ފުރައިގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން ބާޖު ފަރަށް ނާރާ ކަމަށް ބުނެ ހޯގާޑު ކުންފުނިން ދޮގު މައުލޫމާތު ދީފައިވާ ކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ. އެހެންކަމުން މިހާރު ނިންމާފައިވަނީ މައްސަލަ ފުލުހަށް ހުށަހަޅަން ކަމަށް އީޕީއޭއިން މަޢުލޫމާތުދެއެވެ.

ފުވައްމުލަކު ގިރާ ސަރަހައްދުގައި ތޮށިލުމަށް ބޭނުންވާ ބޮޑުހިލަ ހިފައިގެން ދިޔަ އިންޑިއާގެ އެމްއެމް އެކްސްޕޯޓުގެ މިބާޖު ފަރަށް އަރާފައިވަނީ މިދިޔަ ހުކުރު ދުވަހު ހޯގާޑުން މުދާ ވެއްދުމަށް ބޭނުން ކުރަމުން އަންނަ ބަނދަރަށް ވަންނަ ދިމާލުގައި އޮއްވާ އަރިއަޅާލައިންނެވެ.

ފުވައްމުލަކު ގޮނޑުދޮށް ޚިމާޔަތްކުރުމަށް ކުރިއަށްގެންދާ މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުގެ އިތުރުން، ނެދަލެންޑްސްގެ ގްރާންޓް އެހީ އަދި ކުވައިތު ފަންޑް ފޯރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ލޯނު އެހީއާއެކު ކުރިއަށްގެންދާ މަޝްރޫޢެކެވެ.



ކިޔުންތެރިންގެ ހިޔާލު