ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ މިއަދު ދީފިއެވެ.

އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދީފައިވަނީ މިއަދު އެވެ.

ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ އަދީބަށް ދިންއިރު އޭނާ އަށް ވަނީ މިދިޔަ ހަފްތާގައި އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން ފަރުވާ ދީފައެވެ.

ކަރެކްޝަންސުން މިއަދު ބުނީ މަނީ ލޯންޑްރިންގެ ކުށުގައި ހުކުމްތަންފީޛް ކުރަމުންދާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބް ޢަބްދުލް ޣަފޫރު، ރާއްޖޭގައި ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ރާއްޖޭން ބޭރަށް ފުރުމުގެ ހުއްދަ މެޑިކަލް ބޯޑުގެ ލަފައާއެކު އެ ސަރވިސްއިން ދީފައިވާ ކަމަށެވެ.

“ރާއްޖެއިން ބޭރުގައި ހުންނަ މުއްދަތުގައި މިސަރވިސް އާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މޮނިޓަރ ކުރަމުން ގެންދާނެ ކަމުގައި ދަންނަވަން.” ކަރެކްޝަންސުން ބުނެފައިވެއެވެ.



އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާއަށް އޭނާ ވަނީ ޝަރީއަތުގައި އިއުތިރާފުވެފައެވެ. އަދީބުގެ އިއުތިރާފުން އޭނާގެ މައްޗަށް ކުށް ސާބިތުވުމުން ކްރިމިނަލް ކޯޓުން އޭނާ 20 އަހަރަށް ޖަލަށްލުމަށާއި ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފައި ވަނީ 5 އޮކްޓޯބަރ 2020 ގައެވެ.

އަދީބު ޖަލަށްލާން ހުކުމް ކުރިނަމަވެސް، ބަލި ޙާލަތަށް ރިޔާޢަތްކޮށް އޭނާ ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު