ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު އަލީ ވަހީދު ދެ މަހާއި 12 ދުވަހަށް ޖަލަށްލުމަށް ސުޕްރީމް ކޯޓުން ކުރި ޙުކުމް ބާތިލް ކޮށްފައިވާކަމަށް ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރާ މައްސަލާގައި އަލީވަހީދުގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ކުރިއަށް ނުގެންދަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ނިންމެވުމާގުޅިގެން އަލީ ވަހީދު މިއަދު ވަނީ ރާއްޖެއަށް ވަޑައިގަންނަވާފައެވެ.

ރާއްޖެ ވަޑައިގެންނެވުމަށްފަހު 1 ނަންބަރު ފާލަން ސަރަހައްދުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އަލީ ވަހީދު މިއަދު ވިދާޅުވީ އޭނާގެ މައްޗަށް ސުޕްރީމް ކޯޓުން ހުކުމެއް ކުރީ އެ ކޯޓުން ފޮނުވި ޗިޓާ އެއްގޮތަށް ކޯޓަށް ހާޒިރުވެފައި ނުވާތީ ކަމަށެވެ.

"އަޅުގަނޑުމެން ސުޕްރީމް ކޯޓަށް އަލުން މުރާޖައާ ކުރަން ލިޔުނިން. އަޅުގަނޑު އަތުގަ އެބައޮތް، ރާއްޖެ އައުމުގެ ކިތަންމެ ދުވަހެއް ކުރިން ސުޕްރީމް ކޯޓުން އަޅުގަނޑުގެ މައްޗަށް ކުރި ހުކުމް މިހާރު ވަނީ ބާތިލްކުރެވިފައޭ." އަލީ ވަހީދު ވިދާޅުވިއެވެ.

2021 ވަނަ އަހަރު ޢަލީ ވަޙީދުގެ މައްޗަށް އުފުލާފައިވާ މި ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ އާއި ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދަޢުވާއެކެވެ.

ޢަލީ ވަޙީދަކީ ޖުމްހޫރީ ޕާޓީގެ ކުރީގެ ރައީސެވެ. އޭނާ ވަނީ އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމުވެސް މީގެކުރިން އަދާކުރަށްވާފައެވެ. ޢަލީ ވަޙީދުގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތު ކުރެވުނުއިރު އޭނާ ހުންނެވީ ޖޭޕީގެ ސްލެޓެއްގައި މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރަކަށެވެ.

ޕީޖީ އޮފީހުން ބުނީ ޢަލީ ވަޙީދުގެ މައްޗަށް އުފުލި ދައުވާތައް އަނބުރާ ގެންދިއުމަށް ނިންމެވީ ޖިންސީ ކުށުގެ ދަޢުވާ ސާބިތު ކުރުމަށް ބޭނުންވާ ހެކިތައް ލިބޭނެ ގޮތެއް ނެތުމުން ކަމަށެވެ. އެގޮތުން އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ގޮތުގައި ތަޙުޤީޤަށް ބަޔާން ދީފައިވާ މީހުން މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާކަމަށް ބަޔާންކޮށް ޕީޖީ އަށާއި ފުލުހުންނަށް ވަނީ ސިޓީ ހުށައަޅާފައެވެ.

ޕީޖީން ބުނީ ހެކިންގެ ހެކިބަހާ ނުލައި މައްސަލަ ސާބިތު ކުރެވޭނެ އެއްވެސް މަގެއް ނެތް ކަމަށެވެ.

މި މައްސަލަތައް ކޯޓަށް ހުށަހަޅާފައިވަނިކޮށް ބޭސްފަރުވާއަށްކަމަށް ވިދާޅުވެ ޢަލީ ވަޙީދު ރާއްޖެއިން ބޭރަށް ފުރައިވަޑައިގަތީ 2021 ވަނަ އަހަރުގެ ފެބްރުއަރީމަހުއެވެ. އޭގެފަހުން ރާއްޖެވަޑައިނުގެން އިނގިރޭސި ވިލާތުގައި ހުންނަވާތާ މިހާރު ދެ އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.



ކިޔުންތެރިންގެ ހިޔާލު