މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިދިކޮޅު ޕީޕީއެމުން ގޮވާލައިފިއެވެ.

ޕީޕީއެމުން މިއަދު ނެރެފައިވާ ބަޔާނެއްގައި މިގޮތަށް ގޮވާލާފައިވަނީ ނ. ހޮޅުދޫގައި ފާރެއް ވެއްޓި، އެރަށުގެ މަގު ހެދުމުގެ މަސައްކަތުގައި އުޅުނު އާރުޑީސީގެ 3 މުވައްޒަފަކަށް ސީރިއަސް އަނިޔާތަކެއް ލިބުމާ ގުޅިގެންނެވެ.

ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވަނީ މާލެ އާއި ރަށްރަށުގައި ކުރިއަށްދާ މަޝްރޫއުތަކުގައި މަސައްކަތް ކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް ނާޅާ ހުންނަކަން ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށާއި އެކަންކަން ރަނގަޅު ކުރުމަށް ގޮވާލާ ކަމަށެވެ.

އެގޮތުން ހޮޅުދޫގައި ހިނގި ހިތާމަވެރި ހާދިސާގައިވެސް ފާރު ވެއްޓުނަ ނުދިނުމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިނުވާ ކަމަށް ބަޔާނުގައިވެއެވެ. އަދި މިފަދަ ހާދިސާތަކުން ގެއްލުން ލިބެމުންދަނީ ދިވެހި ރައްޔިތުންނަށްކަން ޕީޕީއެމުން ފާހަގަކޮށްފައިވެއެވެ.

"މަޝްރޫއުތަކުގައި މަސައްކަތް ކުރައްވާ އެންމެންގެ ރައްކާތެރިކަމަށް އިސްކަން ދިނުމަށާއި، މަސައްކަތް ކުރައްވާ ބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަބަދުމެ އެޅުމަށް ގޮވާލަމެވެ." ޕީޕީއެމްގެ ބަޔާނުގައިވެއެވެ.

އިއްޔެ ހިނގާފައިވާ ހިތާމަވެރި މި ޙާދިސާގައި އަނިޔާވި މީހުން އިއްޔެގެ ވަގުތެއްގައި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވެއެވެ. އަދި އެމީހުން އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު އެމީހުންގެ ތެރެއިން އެކަކަށް ލިބުނު އަނިޔާތައް ސީރިއަސްކަމަށް މަޢުލޫމާތު ލިބެއެވެ.



ކިޔުންތެރިންގެ ހިޔާލު