އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ހިމެނޭ ބިލިއަނަރ އޮންގް ބެންގް ސެންގް ހައްޔަރުކުރަން ސިންގަޕޫރުގެ އިދާރާތަކުން ނޯޓިސް ނެރެފިއެވެ.

ބައިނަލް އަޤުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ސިންގަޕޫރުގެ ކޮރަޕްޓް ޕްރެކްޓިސަސް އިންވެސްޓިގޭޝަން ބިއުރޯ (ސީޕީއައިބީ) އިން ވަނީ އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު ސުބްރަމަނިއަމް އިސްވަރާންއާ އޮންގްއާ ދެމެދު ހިނގާފައިވާ މުއާމަލާތްތަކުގެ މައުލޫމާތު ހޯދުމަށް އެދިފަ އެވެ.

ހިޔާނާތުގެ ތުހުމަތުތަކެއް ހިމެނޭ މި ތަހުގީގުގައި އޮންގް ހައްޔަރު ކުރުމަށް މިހާރުވަނީ ނޯޓިސް ނެރެފަ އެވެ. އޮންގް ހައްޔަރު ކުރުމަށް ނެރުނު ނޯޓިހާއި ގުޅިގެން މިއަދު އެގައުމަށް އޭނާ ދާނެކަމަށާއި އޭނާގެ ޕާސްޕޯޓް ސީޕީއައިބީއާ ޙަވާލު ކުރާނެކަމަށް އޮންގްގެ ކުންފުނިން ހާމަކޮށްފައިވެއެވެ.

އޮންގްގެ ކުންފުނިން ބުނީ ކަފާލާތުގެ ގޮތުގައި ދައްކަން ޖެހޭ އެއްލައްކަ ސިންގަޕޫރު ޑޮލަރު ވެސް ސީޕީއައިބީއަށް މިހާރުވަނީ ދައްކާފައި ކަމަށެވެ.

އޮންގްގެ ހޮޓެލްސް ޕްރޮޕަޓީސް ލިމިޓެޑް (އެޗްޕީއެލް) އިން ރާއްޖޭގައި އަށް ރިސޯޓަކާއި ލިވަބޯޑެއް މިވަގުތު ވެސް ގެންދަނީ ހިންގަމުންނެވެ. އޮންގް އިދާރާތަކުގެ ބެލުމުގެ ދަށަށް ގެންދިޔުމަށް ނޯޓިސް ނެރުމާއެކު އެޗްޕީއެލްގެ ހިއްސާގެ އަގުތައް ވަނީ ހަ އިންސައްތަ ދަށަށް ގޮސްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން