އިމްރާނަށްވެސް އޮޅުމެއް އަރައިފާނެ ކަމަށާއި ނަމަވެސް ޒާތީވުމަކީ ރަނގަޅުގޮތް ނޫންކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް ޢަލީ ޒައިރު މިމޭރުމުން ވިދާޅުވެފައިވަނީ އެމްޑީޕީގެ ކެމްޕޭން ޖަލްސާއެއްގައި ކީރިތި ރަސޫލާގެ ޙަދީސް ބަސްފުޅެއްކަމަށް ފާހަގަކުރަށްވައި ޝައިޚް އިމްރާން ވިދާޅުވި ބަސްފުޅަކާމެދު ރާއްޖޭގެ ޢިލްމުވެރިން ތަފާތު ޚިޔާލުފުޅުތައް ފާޅުކުރަށްވަން ފެށުމާ ގުޅިގެންނެވެ.

ފޯކައިދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި އިމްރާން ވިދާޅުވީ ކީރިތި ރަސޫލާ ނަބީކަމާއިގެން ވަޑައިގެންނެވިއިރު މާތްވެގެންވާ ގެފުޅުގެ މަތީގައި 360 ބުދު ބަހައްޓައިގެން އޮރިޔާމާ ޠަވާފުކުރަމުން ދިޔަ ކަމަށާއި އެހާލަތް ބަދަލުކުރުމަށް ކުރަން ޖެހޭނެ މަސައްކަތް އެކަލޭގެފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން ކީރިތި ރަސޫލާ ވިދާޅުވި ބަސްފުޅެއްކަމަށް އިމްރާން ވިދާޅުވެފައިވަނީ މިމޭރުމުންނެވެ.

”އޭ ޚަދީޖާއޭ މިއަދަށްފަހު އަރާމުކުރުމާއި ނިދުމުގެ ދުވަސްތައް ތިމަންނަމެންގެ ފަހަތަށް ގޮސް އެނބުރި ހިނގައްޖޭ. ދެން އަރާމެއް ނިންޖެއް ނެތޭ.” ޙަދީސް ބަސްފުޅެއްކަން ފާހަގަކުރަށްވައި އިމްރާން ވިދާޅުވެފައިވެއެވެ.

މިއީ ސައްޙަ ޙަދީސެއް ނޫންކަން ފާހަގަ ކުރަށްވަމުން ޝައިޚް ނިޝާން ވިދާޅުވީ މިއީ ހަދީސެއް ނޫން ކަމަށާއި ހަދީސެކޭ ބުނެ ކިޔާފައި ވަނީ ފޮތްތަކުގައި ވާގޮތާ ޚިލާފަށް ޢަރަބި ބަހުގެ ގަވާއިދާ ވެސް ޚިލާފަށް އޮތް ޢިބާރާތެއް ކަމަށެވެ.

މި މައްސަލާގައި ޝައިޚް ނިޝާނަށް ރައްދު ދެއްވަމުން ޝައިޚް ޒައިދު ވިދާޅުވީ އެ ރިވާޔަތަކީ ވަރަށް ގިނަބަޔަކަށް ޙަދީޘެއް ކަމަށް ހީކުރެވިފައިވާ ރިވާޔަތެއް ކަމަށެވެ.

“ދުނިޔޭގެ އެތައްބަޔަކަށް އެރިވާޔަތާއިގުޅިގެން އޮޅުން އަރާފައިވާއިރު ޝައިޚް ޢިމްރާނަށްވެސް އެފަދަ އޮޅުމެއް އަރައިފާނެކަން ދަންނަންޖެހޭ! އެނޫން ގޮތްގޮތަށް މި މައްސަލައިގައި ވާހަކަދައްކަނީ އޮންނަ ޒާތީ ހަސަދަޔާއި ރުޅިން!” ޒައިދު ވިދާޅުވިއެވެ.



މި މައްސަލާގައި ޝައިޚް އިމްރާން މިއަދު ވިދާޅުވީ އޭނާއަކީ ކީރިތި ރަސޫލާގެ ޙަދީސްފުޅުތަކުގެ ދަރަޖަ ކަނޑައަޅަން އެނގޭވަރުގެ ޢިލްމުވެރިއެއް ނޫންކަމަށެވެ. ހަމައެއާއެކު ޝައިޚް އާދަމް ނިޝާނަކީވެސް އެވަރުގެ ބޮޑު އިލްމުވެރިއެއްހެން ހީނުވާކަމަށާއި އެންމެންވެސް ދަސްކުރަން ޖެހެނީ ބޮޑެތި ޢިލްމުވެރިންގެ ފޮތްތަކާ ދަރުސްތަކުން ކަމަށެވެ.

“ޝައިޚް ކުރައްވާ ކުއްތަކާ ހައްދަވާ ގޯސްތަކަށް ރައްދު ދިނުމަކީ އަޅުގަޑަށް ކުރެވޭ މާމޮޅުކަމަކާ ހެޔޮކަމެއް ކަމަކަށް ދެކި އެކަން ކުރާކަށް ނެތިން.” އިމްރާން ވިދާޅުވިއެވެ.

މިކަމުގައި ދީނީ ޢިލްމުވެރިޔާ ޑރ. އިޔާޒް ވިދާޅުވީ އެ ރިވާޔަތަކީ ސީރަތު ފޮތްތަކުގައި ކީރިތި ރަސޫލާއަށް ނިސްބަތްކޮށް ގެނެސްފައިވާ ރިވާޔަތެއް ކަމަށެވެ. އެހެންކަމުން، ފޮތްތަކުގައި ހުންނަ ހުރިހާ ރިވާޔަތްތަކެއް ތަޙްޤީޤުކޮށް ތަޚްރީޖު ނުކުރާހާ ހިނދަކު އެފަދަ އޮޅުމެއް އަރާފާނެ ކަމަށް ޑރ. އިޔާޒްވެސް ވިދާޅުވިއެވެ.

“ގޯހެއް ފާހަގަވުމުން އެންމެންގެ ތެރޭގައި އިޢުލާން ކުރުމުގެ ބަދަލުގައި ވަކިން ގުޅާލާފައި އެއީ ޙަދީޘެއް ނޫންކަން ބުނެދިންނަމަ ވަރަށް ރަގަޅުވީސް. ޔަޤީނުންވެސް ޝައިޚް ޢިމްރާނަކީ ރަސޫލާގެ މައްޗަށް ޤަޞްދުގައި ދޮގުހައްދަވާނެ ބޭފުޅެއް ނޫން.” ޑރ. އިޔާޒް ވިދާޅުވިއެވެ.

މި މައްސަލާގައި ޝައިޚް ޒަމްޒަމް ފާރިޝް ވިދާޅުވީ ބޮޑެތި މުސާރައާއި ޢިނާޔަތްތަކާއި ޖާހާއި މަންޞަބާއި ވެރިކަން ހޯއްދެވުމަށް ކެންޕޭނު ކުރެއްވުމަށް ޓަކައި ކީރިތި ނަބިއްޔާ އެއްވެސް އިރަކު ރޭގަނޑު އަވަހާރަ ނުލައްޕަވާ އަރާމު ނިދި ނަންގަވައި ނުލައްވާ ކަމަށެވެ.

“އެކަލޭގެފާނު ރޭގަނޑު އަވަހާރަ ނުލައްޕަވައި އަރާމު ނިދި ނަންގަވައިލެއްވީ ރޭ އަޅުކަމާއި ދީން މަތިވެރި ކުރުމާއި ލާދީނީ މުނާފިޤުންނާއި މުޝްރިކުންގެ ކިބައިން އިސްލާމީ އުންމަތާއި އިސްލާމް ދީނާއި އެދީނުގެ އަސާސްތައް ޙިމާޔަތް ކުރެއްވުމަށް ޓަކައި ޖިހާދު ކުރެވުމުގައެވެ.” ޝައިޚް ޒަމްޒަމް ފާރިޝް ވިދާޅުވިއެވެ.

ހަމައެއާއެކު ލޮބުވެތި ނަބިއްޔާގެ މައްޗަށް ދޮގުހަދާ މީހާއަށް އެކަން ބުނެދިނުމުން ވެސް އަވަސް އަވަހަށް އެކަމަށް ތައުބާވެ އެކަން އިޢުލާނުކޮށް އެދޮގު އަޑު އިއްވުނު މީހުންގެ ކިބައިން މަޢާފަށް ނޭދޭ މީހަކަށް ވުރެ އަނިޔާވެރިކަމާއި ބޮޑާކަމާއި ކިބުރިވެރިކަން ބޮޑު މީހަކު ނުވާކަމަށްވެސް ޝައިޚް ޒަމްޒަމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން