ކޮޅުފުށިން ރައީސް ޞާލިޙަށް 65 އިންސައްތަ ވޯޓު ކަށަވަރުކޮށް ދެއްވުމަށް ދާޚިލީ ވަޒީރު އިމްރާން ޢަބްދުالله އެދިވަޑައިގެންފިއެވެ.

މިނިސްޓަރ އިމްރާން މިގޮތަށް އެދިވަޑައިގެންފައިވަނީ ރައީސް ޞާލިޙްގެ ކެމްޕޭން ދަތުރުފުޅުގައި ކޮޅުފުށީ ރައްޔިތުންނާ މުޚާތަބު ކުރަށްވައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.

އިމްރާން މިއަދު ވިދާޅުވީ ކޮޅުފުށީ ރައްޔިތުން ނާއުންމީދުވެފައި ތިއްބައި އެރަށަށް އުންމީދެއް ގެނެސްދެއްވީ ރައީސް ޞާލިޙް ކަމަށެވެ. އެގޮތުން މި ދައުރުގައި ހިންގިހާ ގިނަ މަޝްރޫއުތަކެއް އެއްފަހަރާ އެރަށުގައި ހިންގި އެއްވެސް ވެރިކަމެއް ނެތްކަމަށް އިމްރާން ވިދާޅުވިއެވެ.

“މި ރަށުގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ރަށާ ވަކިވެ ހަލާކުވެގެން ދާތީ ހުރިހާ ސަރުކާރެއްގެ ފަހަތުން ރޮމުން އާދޭސްކުރަމުން ދިޔަ ދުވަހު ފެނުނު އެކަކުވެސް ނެތް.” އިމްރާން ވިދާޅުވިއެވެ.

އިމްރާން މިއަދު ވަނީ ރައީސް ޞާލިޙަކީ ވަޢުދު ފުއްދަވާ ވެރިއެއްކަން ކޮޅުފުށީގެ ރައްޔިތުން ހެކިވާނެ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އެރަށުން މަދުވެގެން 65 އިންސައްތަ ވޯޓު ރައީސަށް ކަށަވަރުކޮށްދެއްވުމަށް އިމްރާން އެދިވަޑައިގަތެވެ.

ރައީސް ކޮޅުފުއްޓަށް ކުރެއްވި މިދަތުރުފުޅުގައި ވަނީ އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމުން ފާހަގަކުރައްވައި، ރަށުގެ ފެނުގެ ހިދުމަތް ފަށައިދެއްވާފައެވެ. ހަމައެއާއެކު އެރަށުގައި ހުންނަ މ. އަތޮޅު މަދަރުސާގައި އަލަށް ޢިމާރާތްކުރި އަށް ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލް ހުޅުވައިދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު