އެމްޑީޕީ ރޫޅާ ނުލެވޭނެ ކަމަށާއި ޑިމޮކްރެސީގައި ކޮޅުފައިން ނުޖެއްސެވުމަށް އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް ދީދީ ރައީސް ނަޝީދަށް ގޮވާލައްވައިފިއެވެ.

ޑރ. ދީދީ މިމޭރުމުން ގޮވާލަށްވާފައިވަނީ އެމްޑީޕީ ރޫޅާލާނެކަމަށް، އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

އެމްޑީޕީން ވަކިވި ބޭފުޅުން އުފެއްދެވި ދަ ޑިމޮކްރެޓްސްއަށް ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ ވަޒީފާގެ ބޭނުމަށް އެމަނިކުފާނުގެ އެކުވެރިންވެސް އެމްޑީޕީގައި އެބަތިބި ކަމަށް ވިދާޅުވެ، އެ ބޭފުޅުންވެސް އެމްޑީޕީ ދޫކޮށްލުމަށް އިލްތިމާސް ކުރަށްވާފައެވެ. އަދި އެޕާޓީ ރޫޅާލައްވާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ރައްދު ދެއްވަމުން ޑރ. އިބްރާހިމް ދީދީ ވިދާޅުވީ އެމްޑީޕީއަކީ ފުރިފައި އޮތް ބިޔަ ޕާޓީއެއް ކަމަށެވެ. އެހެންކަމުން އެޕާޓީ ރޫޅަނުލެވޭނެ ކަމަށާއި އެންމެ ރަނގަޅު ގޮތަކީ ރައީސް ނަޝީދުވެސް ޑިމޮކްރެސީގައި ކޮޅުފައިން ނުޖައްސަވައި އާއްމު އުސޫލުތަކަށް އިޙްތިރާމް ކުރެއްވުން ކަމަށް ދީދީ ވިދާޅުވިއެވެ.

“ކިތަންމެ ވަރަކަށް ކޯފާ އިސްކުރަށްވާ ރޫޅާލާނެކަމުގެ އިންޒާރު ދެއްވިޔަސް ފުރިފައި ހުންނަ އެއްޗެހި ގުޑުގުޑު ނާޅާނެ ފަދައިން އެމްޑީޕީއެއް ނުގުޑާނެ.” ޑރ. ދީދީ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅަށް އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒްވެސް ވަނީ ރައްދު ދެއްވާފައެވެ. ފައްޔާޒް ވިދާޅުވީ އެމްޑީޕީ ރޫޅާލާނެކަމަށް ރައީސް ނަޝީދު ވިދާޅުވިޔަސް އެއީ ވާނޭ ކަމެއް ނޫންކަމަށާއި އެކަން ކުރަންޖެހޭނީ ހުވަފެނުގައި ކަމަށެވެ. އަދި އެމްޑީޕީ ރޫޅާލާނެކަމަށް ބުނެ ރައީސް ނަޝީދު ވާހަކަ ދެއްކުމަކީ ވަރަށް ނާތަހުޒީބު އަމަލެއްކަން ފައްޔާޒު ފާހަގަކުރެއްވިއެެވެ.

ޑިމޮކްރެޓްސް ޕާޓީީއަށް ސޮއިކުރަން ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވަނީ އެމްޑީޕީ ރޫޅާލާނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. ނަމަވެސް އެއީ ކިހިނެއް ކޮންގޮތަކަށް ކަމެއް ވިދާޅެއްނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު