މ. ނާލާފުއްޓާއި މ. މުލި ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިމޭރުމުން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެމްޕޭނުގައި މ. އަތޮޅަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި މ. ނާލާފުށީގައި މިއަދު ބޭއްވި ޖަލްސާގައެވެ.

މުއްޔާއި ނާލާފުށި ގުޅާލުމަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޞާލިޙް ވެވަޑައިގަތް ވައުދެކެވެ. ރައީސް މިއަދު ވިދާޅުވެފައި ވަނީ މި މަޝްރޫއު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ މެނިފެސްޓޯގައިވެސް ހިމަނާފައިވާނެ ކަމަށެވެ.

ރައީސް ޞާލިޙް މިއަދު ވިދާޅުވީ މ. މުލީގައި ތަރައްގީ ކުރަމުން އަންނަ އެއާޕޯޓުގެ މަސައްކަތް ނިމުމާއެކު، އެ ރަށާއި ނާލާފުށި ގުޅުވާލާ ކޯޒްވޭގެ މަސައްކަތް ފަށާނެ ކަމަށެވެ.

“މިއަހަރު އިރާދަކުރެއްވިއްޔާ އެއާޕޯޓް ނިމޭނެ، ނިމުމާ އެކީގަ މިދެރަށް ގުޅާލުމުގެ މަޝްރޫއު އަޅުގަނޑުމެން ފަށައިގަންނާނަން.” ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ނާލާފުށީގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނެސްދިނުމަށް، ބިން ހިއްކައިގެން ފްލެޓް ނުވަތަ ރޯހައުސް އަޅުއްވައިދެއްވާނެ ކަމަށެވެ. އަދި މިހާރު ހުއްޓިފައިވާ ފެނާ ނަރުދަމާގެ މަސައްކަތަށް ހައްލެއް ގެނެސްދީ އަވަހަށް ނިންމައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު މުޅިން އާ ބަނދަރެއް ހައްދަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ނާލާފުއްޓަކީ 400 އެއްހާ މީހުން ދިރިއުޅޭ ރަށެއް ކަމަށާއި 2018ގެ އިންތިޚާބުގައި ނާލާފުށިން އެމަނިކުފާނަށް ލިބިވަޑައިގަތީ 38 ޕަސެންޓްކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ އެހެންނަމަވެސް ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި މި ފަސްއަހަރު އެރަށާމެދުވެސް އެއްވެސް ތަފާތުކުރުމެއް ގެންގުޅެފައި ނުވާނެ ކަމަށެވެ. އެގޮތުން އެރަށުގައި އަށް މަޝްރޫއެއް ހިނގަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.

މިހާތަނަށް އެރަށުގައި ގްރޭޑް އަށަކާ ހަމައަށް ކިޔެވޭނެ މަގު ފަހިކޮށްދީފިކަމަށާއި ޒުވާނުންނަށް ބޯޅަކުޅޭނެ ދަނޑެއް އަޅައިދީފައިވާކަމަށާއި ޒަމާނީ ފެނަކަ އިންޖީނު ގެއެއް އަޅައިދީފިކަމަށް ރައީސް މިއަދު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު