މ.ރަތްމަންދޫ ކައުންސިލް ރައީސް އިސްމާއިލް ނާހިދު އާއި ކައުންސިލް މެންބަރު ފާތިމަތު ލިއުޝާ ވެރިކަންކުރާ އެމްޑީޕީއަށް ސޮއިކުރަށްވައިފިއެވެ.

މި ދެބޭފުޅުން އެމްޑީޕީއަށް ސޮއިކުރެއްވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މ. އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގައެވެ.

ރަތްމަންދޫ ކައުންސިލްގެ ރައީސަކީ މިނިވަން މެންބަރެއްގެ ގޮތުގައި ކައުންސިލަށް އިންތިހާބުވެފައިވާ ބޭފުޅެކެވެ. ހަމައެއާއެކު މިއަދު އެމްޑީޕީއާ ގުޅިވަޑައިގެންނެވި ފާތިމަތު ލިއުޝާވެސް ކައުންސިލަށް އިންތިޚާބުވެފައިވަނީ މިނިވަން މެންބަރެއްގެ ގޮތުގައެވެ.

ރަތްމަންދޫ ކައުންސިލް ރައީސް އާއި ކައުންސިލް މެންބަރު އެމްޑީޕީއާ ގުޅިވަޑައިގެންނެވި ފޯމް ހަވާލުކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހްގެ އަތްޕުޅަށެވެ.

ރަތްމަންދޫ ކައުންސިލްގައި މިހާރު ތިއްބަވަނީ އެމްޑީޕީގެ ދެ މެންބަރުންނާއި، މިނިވަން ދެ މެންބަރުންގެ އިތުރުން އިދިކޮޅު ޕީޕީއެމްގެ މެންބަރެކެވެ.

ރަތްމަންދޫގައި މިއަދު ރައީސް ޞާލިޙް ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ރައްޔިތުންގެ ޚިޔާލާއެކު ކުރިއަށްދާން ކަމަށާއި އެހެންވެ، ކުޑަ އާބާދީ ރަށްތައް ވެސް ސަރުކާރަށް މުހިއްމުކަމަށެވެ.

ރާއްޖޭގައި ޖީޑީޕީގެ ނިސްބަތުން މީހެއްގެ ބޮލަށް 12000 އަށްވުރެ ގިނަ ޑޮލަރު ޖެހޭއިރު ދައުލަތަށް ލިބޭ އާމްދަނީ ހަމަހަމަ ގޮތެއްގައި ރައްޔިތުންނަށް ބެހިގެންދާންޖެހޭނެކަމަށް ރައީސް ޞާލިޙް މިއަދުވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު