ސަރުކާރުން ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ގޯތިތަކަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލި މުއްދަތު އިއްޔެއަށް ހަމަވެފައިވާއިރު 800 ޝަކުވާ ލިބިފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ހާމަކޮށްފިއެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ޝަރުތުހަމަވާ މީހުންގެ ލިސްޓަށް މާބޮޑެތި ޝަކުވާތަކެއް ލިބިފައިނެތް ކަމަށާއި މައިގަނޑު ގޮތެއްގައި ލިބިފައިވަނީ މަޢުލޫމާތު ސާފުކުރުމުގެ ޝަކުވާތައް ކަމަށެވެ.

އަދި ޝަކުވާތަކަށް ބެލުމަށްފަހު ލިސްޓަށް ބަދަލެއް ގެންނަންޖެހޭނަމަ އެކަން ކުރަށްވާނެކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

"ދާއިމީ ލިސްޓު ނެރޭނީ ޖޮއިންޓް އެޕްލިކޭޝަންތައް ޕްރޮސެސްކޮށް ނިމުމުން. އެމަސައްކަތްވެސް މިހާރު ކުރިއަށް އެބަދޭ،" އަކްރަމް ވިދާޅުވި އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ދޫކުރާ ގޯތީގެ ލިސްޓު އާންމުކުރީ މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހު އެވެ. އަދި ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ބޭނުންވާ ބިމުގެ ދެބައިކުޅަ އެއްބައި ހަމަޖައްސާފައިވަނީ ހުޅުމާލެއިންނެވެ. އަދި ގިރާވަރުގައި ފަޅާއި ގުޅީފަޅު ހިއްކައިގެންވެސް ގޯތިތައް ދިނުމަށް މަސައްކަތް ކުރަށްވާކަމަށް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.

"ގުޅީފަޅުން 2000، ގިރަވާރުންވެސް 2000 އެއްހާ ގޯތި، ހުޅުމާލެއިންވެސް 2000އަށްވުރެ ގިނަ ގޯތި. 3 މަޝްރޫޢުގެ ދަށުން 6200 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައި" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގޯތި ލިބޭ މީހުންގެ ލިސްޓަށް ހުށަހެޅި ޝަކުވާތައް ބެލުމަށްފަހު، އޮގަސްޓްމަހު ގޯތިތައް ހަވާލުކުރަން ފަށާނެކަމަށެވެ. މިއީ މިދިޔަ 40 އަހަރުގެ ތެރޭގައި މާލޭ މީހުންނަށް މާލެއިން ހިލޭ ގޯތި ދޫކުރާ ފުރަތަމަ ފަހަރެވެ. މީގެއިތުރުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމަށް ހިންގާ "ބިންވެރިޔާ" ސްކީމަކީ، މިހާތަނަށް ރާއްޖޭގައި ހިންގާ ބަންޑާރަ ގޯތި ދޫކުރުމުގެ އެންމެ ބޮޑު ޕްރޮގްރާވެސްމެއެވެ.

މިޕްރޮގްރާމްގެ ދަށުން ބަންޑާރަ ގޯއްޗަށް އެދި 23088 މީހުންގެ ފަރާތުން، 15164 އެޕްލިކޭޝަން ހުށައަޅާފައިވެއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ހުށައެޅި ފަރާތްތަކުގެ ތެރެއިން، 19857 މީހުން ހުށައެޅި، 12794 ފޯމު ވަނީ ޝަރުޠުހަމަވެފައެވެ. އަދި ޝަރުޠު ހަމަވެފައިވާ ފަރާތްތަކުގެ ތެރެއިން ވަކިން ފޯމްހުށައަޅާފައިވާ ފަރާތްތަކަށް ޖޮއިންޓްވުމުގެ ފުރުޞަތު ދިނުމަށްވެސް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން