މަތިވެރި ފިނޮޅުގެ ބަދަލުގައި ކ. އަތޮޅުން ލިބުނު ފަޅުގައި ތަރައްޤީ ކުރާނީ ދުނިޔޭގެ ފެންވަރުގެ ރިސޯޓެއް ކަމަށް ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ވިދާޅުވެއްޖެއެވެ.

އއ. މަތިވެރީ ފަޅު ތެރޭގައި އޮންނަ މަތިވެރި ފިނޮޅު، އެރަށުގެ އިޚްތިޞާޞްގެ ތެރޭގައި ހިމަނައި ދިނުމަށް މަތިވެރި ކައުންސިލުން ވަނީ ސަރުކާރުގައި އެދިފައެވެ. މީގެ ކުރިން ޖާބިރު ވަނީ މަތިވެރި ފިނޮޅުގައި 100 ކޮޓަރީގެ ރިސޯޓެއް ތަރައްގީ ކުރަން ނިންމާފައިވާކަން އިޢުލާނުކޮށްފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަތިވެރި ފިނޮޅުގެ ބަދަލުގައި ޖާބިރަށް ދިނުމަށް ސަރުކާރުން ނިންމާފައިވަނީ މާލެއަތޮޅު ގާފަރު ކައިރީގައި އޮތް ފަޅެކެވެ. އަދި އެފަޅު ޖާބިރަށް ދޫކޮށްފައިވަނީ އިތުރު ފީއެއް ދަޢުލަތަށް ދައްކަން ނުޖެހޭ ގޮތަށެވެ.

ޖާބިރަށް ދިން ފަޅު ވިއްކާލާފައިވާކަމަށް ބުނެ ދައުރުވަމުންދާ ވާހަކަތައް ދޮގުކުރަށްވަމުން ޖާބިރު މިއަދު ވިދާޅުވީ އެފަޅުގައި ރާއްޖޭން ބޭރުގެ ބަޔަކާ ގުޅިގެން ރިސޯޓެއް ހެދުމުގެ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން އެއީ 300 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށާއި ވިޔަފާރިކުރެވޭނީ ބޭރުގެ އިންވެސްޓަރުންނާ އެކު ޑީލްތައް ހަދައިގެން ކަމަށެވެ.

އޭނާއަކީވެސް ވިޔަފާރިވެރިއަކަށް ވުމުން އެފަދަ ޑީލްތައް އަބަދުވެސް ބޭރުގެ ފަރާތްތަކާއެކު ހަދަމުންދާ ކަމަށާއި ނަމަވެސް މާލެ އަތޮޅުން ލިބިފައިވާ ފަޅު ވިއްކާ ނުލާކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

ރައީސް ޞާލިޙްގެ ރިޔާސީ ކެމްޕޭންގައި އިސްކޮށް އުޅުއްވާ ޖާބިރު ދާދިފަހުންވަނީ ވެރިކަންކުރާ އެމްޑީޕީއަށް ސޮއި ކުރަށްވާފައެވެ.

އެގޮތުން އެމްޑީޕީން ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ޖާބިރު ވިދާޅުވީ ޖާނާ މާލު ހުސްކޮށްލައިގެން ނަމަވެސް ރައީސް ޞާލިޙް ދެވަނަ ދައުރަކަށް އިންތިޚާބު ކުރުމަށް ކުރަންޖެހޭ ކޮންމެ ކަމެއްވެސް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު