ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން ދިވެހިރާއްޖެއަށް އިންޑިއާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަނޫ މަހާވަރު އާއި ބައިނަލްއަޤުވާމީ އިދާރާތަކުގެ މަންދޫބުންނާއި ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުންތަކާ ގުޅޭގޮތުން އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމަށް ހުޅުވާލި ފުރުސަތާ ގުޅިގެން، ދުނިޔޭގެ އެކި ޖަމިއްޔާ ޖަމާއަތްތަކާއި އެކި ގައުމުތަކުން މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނާ ބައްދަލުކުރި ކަމަށެވެ.

ހަބީބް ވިދާޅުވީ، މި ބައްދަލުވުންތަކުގައި މަޝްވަރާކުރެވިފައިވަނީ އިންތިހާބަށް ވަމުންދާ ތައްޔާރީތަކާ ބެހޭގޮތުންނާއި އިންތިހާބު އޮބްޒާވްކުރުމާ ގުޅޭ ގޮތުންނާއި އިންސާފުވެރި ހާމަކަންބޮޑު އިންތިހާބެއް ބޭއްވުމުގެ އިތުރުން އިންތިހާބުގެ މަސައްކަތަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ގޮތުން ކަމަށެވެ.

މީގެ އިތުރުން ބައެއް ކެންޑިޑޭޓުންނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތާ ބެހޭގޮތުން ކޮމަންވެލްތުން މައުލޫމާތު ހޯދާފައިވާ ކަމަށް ޙަބީބު ވިދާޅުވިއެވެ. އަދި ބޭރުގެ ގިނަ ފަރާތްތަކުން އިންތިހާބު އޮބްޒާވް ކުރުމަކީ އިންސާފުވެރި ކަމާއެކު އިންތިހާބުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ލިބޭ ބާރެއް ކަން ޙަބީބު ފާހަގަކުރެއްވިއެވެ.



އިލެކްޝަންސް ކޮމިޝަނުން ބައްދަލުކުރި ޖަމިއްޔާ ޖަމާއަތްތަކާއި ގައުމުތަކުގެ ތެރޭގައި ހިމެނެނީ އދ އާއި ވިލާތުގެ އިއްތިހާދާއި ކޮމަންވެލްތާއި ޔޫއެސް އެއިޑާއި އައިއެފްޕީއެސްއެވެ. އޭގެ އިތުރުން އޮސްޓްރޭލިއާ، އިންޑިއާ، ކެނެޑާ، ޖަޕާން، އަދި އިނގިރޭސިވިލާތުގެ ސަފީރުންނާ އެކުވެސް އެކޮމިޝަނުން ވަނީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

މިއަހަރުގެ ރިޔާސީ އިންތިކާބު އޮންނާނީ ސެޕްޓެމްބަރ 9 ވަނަ ދުވަހު ކަމަށް އީސީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން