ދެދުނިޔޭގެ ފަލާޙާއި ކާމިޔާބުގެ ތަޅުދަނޑިއަކީ ހެޔޮ ނިޔަތްކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.

ސިޔާސީ ގޮތުން އިދިކޮޅު ޕީޕީއެމާއި ޑރ. ޝަހީމާ ދެމެދު ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވާކަމަށް އަޑުފެތުރިފައިވާއިރު ޑރ. ޝަހީމް މިއަދު ވިދާޅުވީ އިންސާނާ އަބަދުވެސް ރަނގަޅު މަންޒިލަށް ގެންގޮސްދޭނެ އެއްޗަކީ ހެޔޮ ނިޔަތް ކަމަށެވެ.

“އެއީ ދެ ދުނިޔޭގެ ފަލާޙާއި ކާމިޔާބުގެ ތަޅުތަނޑިއެވެ.” ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.

ދާދިފަހުން ޑރ. ޝަހީމް ވަނީ ފިތުނަ އުފެދޭގޮތަށް ޚަބަރު ނުފެތުރުމަށްވެސް އިލްތިމާސް ކުރަށްވާފައެވެ. އަދި ޑރ. ޝަހީމް އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ އާ ބައްދަލުކުރައްވާ މަންޒަރު ފެންނަ ފޮޓޯތަކެއްވެސް މީސް މީޑިއާގައިވަނީ ދައުރުވެފައެވެ.

ޑރ.ޝަހީމަކީ މިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ރަނިންމޭޓެވެ. އިންތިޚާބުން ނާކާމިޔަބުވުމުން ޝަހީމް ވަޑައިގަތީ ރާއްޖެއިން ބޭރަށެވެ. އަދި އޯއައިސީގެ ވަޒީފާއެއްގައި ސަޢުދީ އަރަބިއްޔާގައި ގިނަދުވަސްތަކެއްވަންދެން ހުންނެވިއެވެ. އޭގެފަހުން ރާއްޖެ ވަޑައިގެން ކޮންމެވެސް ވަރަކަށް ސިޔާސީ ކަންކަމުގެތެރޭގައިވެސް އުޅުއްވިއެވެ. އެހެންނަމަވެސް ޕީޕީއެމްގެ މިހާރުގެ ލީޑަޝިޕާއި ޑރ.ޝަހީމާ މާ ގުޅުން ރަނގަޅުތަނެއް ނުފެނެއެވެ.

ޑރ.ޝަހީމް ސަރުކާރާ ގުޅެން އުޅުއްވާކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އޭނާގެ ބަހެއް ނުލިބުނު ނަމަވެސް ޝަހީމުގެ ވަރަށް ބޮޑު ހިއްސާއަކާއެކު އުފެދި ހަރަކާތްތެރި ވަމުން އަންނަ އަދާލަތު ޕާޓީއާއި ޑރ. ޝަހީމު ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމުގެ ވަރަށް މުޢުތަބަރު މައުލޫމާތެއް މިނޫހަށް ވަނީ ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން