ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަކީ ރައްޔިތުންނަށް ލިބުނު ރަންމުތެއް ކަމަށް ރައީސް އޮފީހުގެ މިނިސްޓަރ އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ސަމީރު މިމޭރުމުން ވިދާޅުވެފައިވަނީ ރަށުގެ އާބާދީ ކިތައްމެ ކުޑަވިޔަސް ބާކީ ކުރުމުގެ އިހުސާސް މިހާރު ނުވާނެ ކަމަށާއި ސަރުކާރުގެ ކުރިމަތީގައި އެންމެން ހަމަހަމަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވުމާ ގުޅިގެންނެވެ.

ވ. ތިނަދޫ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލު ކުރެއްވުމެއްގައި ރައީސް ޞާލިޙް އިއްޔެ ވިދާޅުވީ 75 މީހުން ދިރިއުޅޭ ވ. ތިނަދޫގައިވެސް ތަރައްޤީގެ މަޝްރޫޢުތައް އެއްވެސް ތަފާތުކުރުމެއްނެތި ސަރުކާރުން ކުރިއަށް ގެންދާ ކަމަށެވެ. އޭގެ އިތުރުން ވިސްނުމާއި ހިޔާލު ތަފާތުވިޔަސް ސަރުކާރުން ހިދުމަތް ދިނުމުގައި ބާކީ ނުކުރާނެކަމަށް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.

ރައީސްގެ ވާހަކަފުޅާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރުކަން ވެސް ކުރެއްވި ސަމީރު ވިދާޅުވީ ރައީސް ޞާލިޙަކީ ތަފާތު ލީޑަރެއް ކަމަށެވެ. އަދި އެމަނިކުފާނަކީ ރާއްޖޭގައި ވެރިކަންހުރި އެހެން ވެރިންނަށް ހުރި ނަމޫނާއެއް ކަމަށްވެސް މިނިސްޓަރ ސަމީރު ވިދާޅުވިއެވެ.

“މީ ރައްޔިތުންނަށް ލިބުނު ރަންމުތެއްފަދަ ރައްޔިތުންގެ ރައީސެއް.” ސަމީރު ވިދާޅުވެފައިވެއެވެ.

ދާދިފަހުން މިނިސްޓަރ ސަމީރުވަނީ ރައީސް ޞާލިޙަށް ތާޢީދު ހޯއްދެވުމުގެ މަސައްކަތް ކުރެއްވުމަށް އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. ސަމީރު ވިދާޅުވެފައިވަނީ، ތަފާތު ކުރުމެއްނެތި ރަނުން ރަނަށް ވަޢުދު ފުއްދައިދިނުމުގައި، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަކީ ދެވަނައެއް ނެތްފަދަ އިޚްލާޞްތެރި ވެރިއެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން