ކުށްވެރިއަކަށް އަދަބުލިބުނަ ނުދީ މިނިވަންކުރުމަކީ ވަރަށް ބޮޑު ބޭއިންޞާފެއް ކަމަށް ދީނީ އިލްމުވެރިޔާ ޑރ މުޙައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް މިމޭރުމުން ވިދާޅުވެފައި މިވަނީ ކުރީގެ ރައީސް، އަދި އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީީސް ޔާމީނަށް އިންސާފު ހޯދައިދިނުމަށާއި އެމަނިކުފާނު ޖަލުގައި ބާއްވައިގެން ކުރިއަށް ގެންދާ އިންތިޚާބެއް އިންސާފުވެރި ނުވާނެކަމަށް ޕީޕީއެމުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

‏އިދިކޮޅު ޕީޕީއެމަށް ރައްދު ދެއްވަމުން ޑރ. އިޔާޒް މިއަދު ވިދާޅުވީ ކުށްވެރިއަކަށް ހޯދައިދެވޭނެ އެންމެ ބޮޑު އިންޞާފަކީ އެމީހަކަށް ޙައްޤުވާ އަދަބު ލިބެން ދޫކޮށްލުން ކަމަށެވެ.

"އެކިއެކި ބަހަނާތައް ދައްކައިގެން އަދަބުލިބިޔަނުދީ މިނިވަންކުރުމަކީ ވަރަށް ބޮޑު ބޭއިންޞާފެއް. ވިސްނާ ފިކުރުކުރައްވާ" ޑރ. އިޔާޒް ވިދާޅުވިއެވެ.



ޑރ. އިޔާޒް މިމޭރުމުން ވިދާޅުވެފައިވާއިރު ކުރީގެ ރައީސް ޔާމިން އަބުދުލްގައްޔޫމަށް އިންސާފު ލިބެންދެން މި އަހަރު ބާއްވާ ރިޔާސީ އިންތިހާބު ފަސްކުރުމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަން ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބުދުއްރަހީމް ރޭ ވަނީ ގޮވާލަށްވާފައެވެ.

ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަކުރެވޭނީ އެމަނިކުފާނަށް އިއްވާފައިވާ ޖަލު ހުކުމް މަތީ މަރުހަލާއެއްގެ ކޯޓުން ބާތިލްކޮށްގެންނެވެ. ރައީސް ޔާމިންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު އެމައްސަލައިގެ އިސްތިއުނާފް މިވަގުތު ވަނީ ހުއްޓިފައެވެ. އެއީ އެމައްސަލަ ބައްލަވާ ހައިކޯޓުގެ ފަނޑިޔާރަކު ޗުއްޓީގައި ހުންނެވުމުންނެެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލަން އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފައެވެ. ރިޔާސީ އިންތިޙާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެ މުއްދަތުގެ ކުރިން ރައީސް ޔާމީން ޖަލު ހުކުމުން މިނިވަންވުން ލާޒިމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން