ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ބޭނުންފުޅުވާ ބޭފުޅުން އެކަމަށް އެދި ހުށަހެޅުއްވުމުގެ ފުރުސަތު އަންނަ އާދީއްތަދުވަހު ހުޅުވާލާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 9ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ކުރިމަތިލުމަށް އާދީއްތަ ދުވަހު ހުޅުވާލާ ފުރުސަތު، 14 ދުވަހުގެ މުއްދަތަކަށް އޮންނާނެއެވެ.

ކޮންމެ 5 އަހަރަކުން އެއްފަހަރު ރާއްޖޭގެ އެންމެ މަތީވެރިޔާ، ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބު ކުރުމަށް ވޯޓުލުމަށް ބާއްވާ ރިޔާސީ އިންތިޚާބަކީ ރާއްޖޭގައި ބާއްވާ އެންމެ މުހިންމު އިންތިޚާބެވެ. މިއީ އެންމެ ގިނަ މީހުން އެ އިންތިޚާބަކަށް ސަމާލުކަންދޭ އިންތިޚާބުވެސް މެއެވެ.

މިހާރު ރާއްޖޭގައި ޢަމަލުކުރަމުން މިއަންނަ ފެހި ޤާނޫނު އަސާސީގެ ދަށުން ރާއްޖޭގައި ވަނީ 3 ރިޔާސީ އިންތިޚާބެއް މިހާތަނަށް ބާއްވާފައެވެ. އެއީ 2008، 2013، 2018 ވަނަ އަހަރެވެ. މިއަހަރު މިބާއްވަނީ މިޤާނޫނު އަސާސީގެ ދަށުން ބާއްވާ 4ވަނަ ރިޔާސީ އިންތިޚާބެވެ.

މި ޤާނޫނު އަސާސީގެ ދަށުން 4 ރައީސަކު ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައެވެ. މިހާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަކީ މި ޤާނޫނު އަސާސީގެ ދަށުން ފުރިހަމަ ދައުރެއް ފުރިހަމަކުރައްވާ ދެވަނަ ރައީސެވެ. މިޤާނޫނު އަސާސީގެ ދަށުން ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ ރައީސް މުޙައްމަދު ނަޝީދެވެ.

ދައުރުގެ މެދުތެރެއިން އެމަނިކުފާނު އިންތިއުފާދެއްވުމުން އޭރުގެ ނައިބުރައީސް ޑރ. މުޙަންމަދު ވަޙީދު ޙަސަން ވަނީ ދައުރުގެ ބާކީ ބައިގައި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައެވެ. ދެންއައި އިންތިޚާބު ކާމިޔާބުކުރައްވައި މިޤާނޫނު އަސާސީގެ ދަށުން ފުރަތަމަ ދައުރެއް ފުރިހަމަކުރެއްވީ ރައީސް ޢަބްދުﷲ ޔާމީނެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ބައެއް ކެނޑިޑޭޓުން ވަނީ ކެމްޕެއިން ފަށާފައެވެ. އެދެވޭ ކެމްޕެއިނެއް ހިންގަވާތަން އަދި ފެންނަނީ ރައީސް ޞާލިޙެވެ. އިދިކޮޅު ކެންޑިޑޭޓުކަމަށް ބުނާ ރައީސް ޔާމީން އޮންނެވީ ޝަރުޢީ ހުކުމެއްގައި ޖަލުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން