ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅުން ކުރިއަށް ގެންދިޔަ އެއްވުމެއް
ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅުން ކުރިއަށް ގެންދިޔަ އެއްވުމެއް
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅިގެން ދަޢުލަތުން ހެކިންގެ ގޮތުގައި ހުށައަޅާފައިވާ އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދާއި އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފާއި ކުރީގެ ނައިބުރައީސް އަޙްމަދު އަދީބުގެ ކާރު ޑްރައިވަރ މުޙައްމަދު ޙުސައިން އޮއިއްޓޭގެ ހެކިބަސް ނުނަގަން ނިންމައިފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ހެނދުނު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި މި މައްސަލާގައި ހެކިބަސްދިނުމަށް ބޭނުން ނުވާކަމަށްބުނެ 4 މީހަކު ކޯޓަށް ސިޓީ ފޮނުވާފައިވާ ކަަމަށް މައްސަލަ ބައްލަވާ ޤާޟީ އަލީ ނަދީމް ވަނީ ވިދާޅުވިއެވެ. އެއީ ސިޔާމާއި މަޢުރޫފާއި އޮއިއްޓޭގެ އިތުރުން މުޙައްމަދު ޝާކިރެވެ. އެހެންކަމުން އެ 4 މީހުންގެ ހެކިބަސް ނަގަން ބޭނުން ނުވާ ކަމަށް ދައުލަތުން މިއަދު ބުންޏެވެ.

މައްސަލާގައި މިއަދު ކުރިއަށް ދިޔައީ އަދީބުގެ ބޮޑީގާޑު އަހުމަދު އާމިރުގެ ހެކިބަސް ނެގުމެވެ. އޭނާ ބުނީ، ފުއްގިރި މުއާމަލާތުގެ ތެރެއިން އެމްއެމްޕީއާރުސީގައި ކުރިއަށް ދިޔަ ބައްދަލުވުމެއް ފެނިފައިވާ ކަމަށެވެ. އެގޮތުން އަދީބުގެ ކާރުގައި އޮތް ދަބަހެއް ދޭން ވެގެން ބައްދަލުވުން އޮތް މީޓިން ރޫމަށް ވަންނަން ޖެހުނުކަމަށް އާމިރު ވަނީ ބުނެފައެވެ.

އެބައްދަލުވުމަކީ އަދީބާއި، ޒިޔަތާއި މައުރޫފާއި، ސިޔާމްގެ ކޮއްކޮ ސާލިމާއި، ކްރިކް ރިޒާާގެ އިތުރުން އެމްއެމްޕީއާރުސީގައި މަސައްކަތް ކުރާ އިތުރު މީހަކު ބައިވެރިވި ކަމަށް އަދީބު ވެސް ބުނެފައިވާ ބައްދަލުވުމެކެވެ. އަދީބު ބުނި ގޮތުގައި ރަށުގެ އަގު 2.5 މިލިއަން ޑޮލަރުން 1.55 މިލިއަން ޑޮލަރަށް ތިރިކުރަން އެއްބަސްވީ އެ ބައްދަލުވުމުގެ ތެރެއިންނެވެ.

މި މައްސަލާގައި މިހާތަނަށް ދައުލަތުން ހުށަހެޅި ނުވަ ހެއްކެއްގެ ހެކިބަސް ނަގާފައިވެ އެވެ. އޭގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހިމެނެ އެވެ. އެހެންކަމުން ދެން ބާކީ އޮތީ ދައުލަތުން ހުށަހަޅާފައިވާ ދެ ހެއްކެއްގެ ހެކިބަހެވެ. އެ ދެ މީހުންގެ ހެކިބަސް ނެގުން އަންނަ ބުރާސްފަތި ދުވަހަށް ތާވަލު ކުރައްވާނެ ކަމަށް ޤާޟީ ނަދީމް ވިދާޅުވި އެވެ.

ފުއްގިރި މައްސަލާގައި ހިމެނުނު ކްރިކް ރިޟާގެ މައްސަލަ ދަޢުލަތުން މިހާރުވަނީ ފަހުން ހުށައެޅުމަށް ކަމަށްބުނެ އަނބުރާ ގެންގޮސްފައެވެ.

ފުއްގިރީގެ މުޢާމަލާތާއި ގުޅިގެން ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރެއްވުމުގެ ދައުވާ އުފުލާފައިވެއެވެ. ހަމައެއާއެކު ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށްވެސް ދަޢުލަތުން ވަނީ ދަޢުވާ އުފުލާފައެވެ.

ރ. ފުއްގިރި މައްސަލާގައި ޕީޖީ އޮފީހުން ބުނެފައިވަނީ، މި މައްސަލާގެ ތެރެއިން ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 ޑޮލަރު ދައުލަތަށް އަނބުރާ ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި މި މައްސަލާގައި ދަޢުލަތުންވަނީ ރައީސް ޔާމީނަށް ލިބިފައިވާ ޢާމްދަނީއާއި ނުބައްދަލު ފައިސާ އާއި މުދާ ދަޢުލަތަށް ނަގައިދިނުމަށް އެދިފައެވެ.

މިއީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅުވައިގެން ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވާ ތިންވަނަ މައްސަލައެވެ. މީގެކުރިން ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު މަނީލޯންޑަރ ކުރި މައްސަލައެއް ސާބިތުވެ ރައީސް ޔާމީނަށް ވަނީ، 5 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ. ނަމަވެސް އެޙުކުމް ސުޕްރީމް ކޯޓުން ބާތިލުކުރިއެވެ.

އޭގެފަހުން ވ. އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) ރައީސް ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށް ބުނާ މައްސަލާގައި ރިޝްވަތާއި މަނީލޯންޑަރ ކުރުމުގެ ކުށް ކޮށްފައިވާކަން ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ރައީސް ޔާމީން މިހާރު ގެންދަވަނީ ޖަލުގައި ތަންފީޒު ކުރަށްވަމުންނެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލުޙުކުމްގެ އިސްތިޢުނާފް ހައިކޯޓުގައި ކުރިއަށް ދާއިރު އެމައްސަލަވެސް މިވަގުތު އޮތީ މަޑުޖެހިފައެވެ. ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓުންގެ ނަން ހުށައެޅުން ކުޑަތަންވެފައިވާއިރު ރައީސް ޔާމީންގެ ޖަލު ޙުކުމް ބާޠިލް ނުކުރެވިއްޖެނަމަ އެމަނިކުފާނަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން