އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމުގައި ހުންނަވަންވާނީ އާންމު މެންބަރުންނާ ޒާތީނުވާ ބޭފުޅެއް ކަމަށް ވިދާޅުވެ އެޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލަށް އެޕާޓީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ރައްދު ދެއްވައިފިއެވެ.

މޫސާ މަނިކު މިމޭރުމުން ވިދާޅުވެފައިވަނީ ރައީސް ޞާލިޙްގެ ރަނިންމޭޓަކަށްވުމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ޝައުޤުވެރިވެ ވަޑައިގަންނަވާ ކަމަށްބުނެ އަޑު ފަތުރަނީ ޕާޓީގެ ކުރީގެ ޗެއަރޕަރސަން ރީކޯ މޫސާ މަނިކު ކަމަށް ވިދާޅުވެ ފައްޔާޒް އިސްމާޢީލް ހިތްހަމަ ނުޖެހުން ފާޅުކުރެއްވުމާ ގުޅިގެންނެވެ.

ފައްޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާ ރަނިންމޭޓަކަށް ވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ކަމަށް ވާހަކަ ދައްކަވަނީ ރީކޯ މޫސަ ކަމަށާއި އެއީ ވަރަށް ދެރަ ކަމެއް ކަމަށެވެ.

ފައްޔާޒަށް ރައްދު ދެއްވަމުން މޫސަ މިއަދު ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަނަކަށް ހުންނަވަން ވާނީ އާންމު މެންބަރުންނާ ޒާތީނުވެ ޕާޓީގެ މެންބަރުންނާ އެކު އުޅެވޭނެ މީހެއް ކަމަށެވެ. އޭގެ އިތުރުން ނޫސްވެރިންގެ އާޓިކަލްތަކުގެ ސަބަބުން އާންމު ތަންތާގައި މެންބަރުންނާ ދިމާކުރުމަކީ ފައްޔާޒް ވެސް ކޮށްގެން ވާނެކަމެއް ނޫންކަމަށް މޫސަ ވިދާޅުވިއެވެ.

“ކަނޑައެޅިގެން ދޮގު ވާހަކަ ނުފަތުރާ.” ރީކޯ މޫސަ މިއަދު ވިދާޅުވިއެވެ.



ރަނިންމޭޓެއް ކަނޑައެޅުމުގެ މައްސަލާގައި ރައީސް ޞާލިޙް ވިދާޅުވެފައިވަނީ ރަނިންމޭޓަކަށް އެކިނަންތައް ހުށަހެޅެމުން އަންނަ ކަމަށާއި، ކޮންމެ ރެއަކުހެން އެކަމުގެ މަޝްވަރާތައް ހިނގަމުންދާ ކަމަށެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަންކަން ކުރެއްވި މޫސަ މަނިކު އެޕާޓީން 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވަކިކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދު ކުރަން ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި އެ ޕާޓީގެ ތުރީ ލައިން ވިޕާ ހިލާފުވެ ވަޑައިގަތްކަމަށް ބުނާ މައްސަލައިގައެވެ. ރީކޯ އަލުން އެމްޑީޕީއާއި ގުޅިވަޑައިގަތީ މިދިޔަ އަހަރުގެ ނޮވެމްބަރ 8ވަނަ ދުވަހުއެވެ.

2016 ގައި އެމްޑީޕީން ވަކިކުރުމުން މޫސަ ވަނީ 2017 ވަނަ އަހަރު ރައީސް ޔާމިންގެ ވެރިކަމުގައި ޕީޕީއެމާއި ވެސް ގުޅިވަޑައިގެންފައެވެ. އަދި 2018 ގައި ރައީސް ޔާމިނަށް ވެރިކަން ހޯދައިދިނުމަށް ވެސް މޫސަ ވަނީ މަސައްކަތް ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން