2024 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް 6 ގޮނޑި އިތުރުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންސްގެ ނައިބުރައީސް އިސްމާޢީލް ޙަބީބު މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ޤާނޫނުގެ 8 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާގޮތުގެ މަތީން، 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތަކަށް ގެނެވޭ ބަދަލު މިއަދު ބޭއްވި ކޮމިޝަނުގެ 794 ވަނަ ޖަލްސާ އިން ފާސްކޮށްފައިވާ ކަމަށެވެ.



އެގޮތުން 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހަށް 6 ގޮނޑި އިތުރުވާ ކަމަށް ޙަބީބު ވިދާޅުވިއެވެ.

“އެއީ؛ މާލޭ ސިޓީ އަށް 2 ގޮނޑި، އައްޑޫ ސިޓީ އަށް 1 ގޮނޑި، މާޅޮސްމަޑުލު ދެކުނުބުރިއަށް 1 ގޮނޑި، މާލެއަތޮޅަށް 1 ގޮނޑި އަދި ހުވަދުއަތޮޅު އުތުރުބުރިއަށް 1 ގޮނޑި.” ޙަބީބު ވިދާޅުވެފައިވެއެވެ.

ޙަބީބު މިއަދު ވިދާޅުވީ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކުރެވިފައިވާ ޖުމްލަ އާބާދީގެ ޢަދަދުތަކުގެ ތަފްސީލް ކޮމިޝަނުން ވަރަށް އަވަހަށް ޢާންމުކުރާނެ ކަމަށެވެ.

ގާނޫނު އަސާސީގެ 71 ވަނަ މާއްދާގައި ވަނީ، އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީ 5،000އަށް ވުރެ އިތުރުވާނަމަ، އާބާދީގެ ފުރަތަމަ 5،000 މީހުންނަށްވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެންބަރެއް ކަނޑައަޅަންވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބަވަނީ 87 މެންބަރުންނެވެ. އަލަށް އިތުރު ކުރި ހަ ގޮނޑިއާއެކު ދެން މަޖިލީހުގައި 93 މެންބަރުން ތިއްބަވާނެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ތައްޔާރުވަމުންދަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަބުރު މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބޭއްވުމަށެވެ. އެ އިންތިހާބު ދެވަނަ ބުރަކަށް ގޮސްފިނަމަ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ.

އިންތިޚާބުގައި ވާދަކުރުމަށް ގިނަ ޢަދަދެއްގެ ބޭފުޅުން މިހާރުވެސްވަނީ ޝައުޤުވެރިކަން ފާޅުކުރަށްވައި ކެމްޕޭންވެސް ފައްޓަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން