ރިޔާސީ އިންތިޚާބުގެ އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން(އީސީ)އިން ހުޅުވައިލައްވައިފިއެވެ.

އީސީން ބުނީ މި ފުރުސަތު އަންނަ އޯގަސްޓު މަހުގެ 13، ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އީސީން މިހާރުވަނީ އިންތިޚާބަށް ރީ-ރަޖިސްޓްރީ ވުމަށްވެސް ހުޅުވާލާފައެވެ. އެ ފުރުސަތު ހަމަވާނީ އަންނަ އޯގަސްޓު 5 ވަނަ ދުވަހަށެވެ.

އޮބްޒާވަރުންނާއި މޮނިޓަރުންނަށްވުމުގެ ޝަރުތުތަކުގެ ތެރޭގައި، ސިޔާސީ ޕާޓީއެއްގެ ރަޖިސްޓީއެއްގައި ހިމެނޭ މީހަކަށް ނުވުމާއި، އިންތިޚާބާއި ބެހޭ މަސައްކަތެއް ކުރުމަށް އީސީގެ ފަރާތުން ހަވާލުވެގެން ހުރި މީހަކަށް ނުވުމާއި، ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި އީސީގެ ސުލޫކީ މިންގަނޑާ ޚިލާފުވެގެން ފިޔަވަޅެއް އަރައިފައިވާ މީހަކަށް ނުވުން ހިމެނެއެވެ.

އީސީން ބުނީ މޮނިޓަރުންނަށް ވެވެނީ މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް ކަމަށެވެ.އެގޮތުން ރާއްޖޭގައި މަސައްކަތްކުރާ ނޫސް އަދި މަޖައްލާތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި ބައިނަލްއަގްވާމީ މީޑިއާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށްވެސް މޮނިޓަރުންނަށް ވުމަށްއެދި ހުށައެޅޭނެއެވެ.

ރިޔާސީ އިންތިހާބުގައި ވޯޓްލުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި 604 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ޖުމްލަ އަދަދަކީ 282406 އެވެ.

ގާނޫނުއަސާސީގެ 110 ވަނަ މާއްދާ ބުނާ ގޮތުން، ހިނގަމުންދާ ރިޔާސީ ދައުރު ހަމަވުމުގެ 120 ދުވަހާއި 30 ދުވަހާ ދެމެދު ރިޔާސީ އިންތިޚާބު ބާއްވަން ޖެހޭނެއެވެ.

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނީ ޖުލައި 23 އިން އޮގަސްޓް 7 އަށެވެ.

ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެެވެ. އަދި އިންތިހާބުގެ 2 ވަނަ ބުރެއް ބާއްވަން ޖެހޭނަމަ އެ ވޯޓްލުން ސެޕްޓެމްބަރު 30ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން