ވެރިކަމަށް އައުމަށްފަހުގައި ދެން ކުރަންޖެހޭނެ ކަމަކީ ވެރިކަން ދެމެހެއްޓުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބަށް އެމްޑީޕީން ކުރަމުންދާ ކެމްޕޭން ދަތުރުގައި 615 މީހުންގެ އާބާދީއެއް އޮންނަ ހއ. މާރަންދޫ ރައްޔިތުންނާ ބައްދަލުކުރަށްވައި ރައީސް ޞާލިޙް ވިދާޅުވީ ވެރިކަން ބަދަލުކުރުމަކީ އެމްޑީޕީގެ ދާއިމީ ސިޔާސަތެއް ނޫން ކަމަށެވެ. ވެރިކަމުގައި އޮތް ޕާޓީގެ ހައިސިއްޔަތުން މިއަދުގެ މަސައްކަތަކީ ވެރިކަން ދެމެހެއްޓުން ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މީގެ ކުރިން އެމްޑީޕީން އަބަދުވެސް ނުކުންނަނީ ވެރިކަން ބަދަލުކުރުމަށް ކަމަށެވެ. ނަމަވެސް އެއީ އެމްޑީޕީގެ ދާއިމީ ސިޔާސަތަށް ވެގެން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ވެރިކަމަށް އައުމަށްފަހުގައި ދެން ކުރަންޖެހޭނެ ކަމަކީ ވެރިކަން ދެމެހެއްޓުން، އެއީ ވެފައިހުރި ވައުދުތައް ފުއްދުމަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ މަނިކުފާނު ވެރިކަމަށް އައީ ކޯލިޝަނަކާ އެކުގައި ކަމަށާއި އެ ކޯލިޝަން ދަމަހައްޓާނެ ކަމަށެވެ. ކޯލިޝަންގެ ބައެއް ޕާޓީތަށް މިހާރު ފެޔަށް ޖެހިފައިވީ ނަމަވެސް އާ ކޯލިޝަންގައި ގައުމަށް ހެޔޮ އެދޭ ދެ ޕާޓީ ކަމަށްވާ އެމްޑީއޭއާއި އަދާލަތު ޕާޓީ އެބަ އޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މިއަދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ނަތީޖާއިން އެކަން ފެންނާނެ ކަމަށެވެ.

ރައީސް މިއަދު ވަނީ މާރަންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކުރުމާއި، ސިއްހީ މަރުކަޒުގައި ލެބެއް ގާއިމްކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އޭގެ އިތުރުން އޭޓީއެމްގެ ޚިދުމަތާއި ފުލުހުންގެ ޚިދުމަތް ގާއިމްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ޞާލިޙް މާރަންދުއަށް ކުރަށްވަމުން ގެންދަވާ މި ދަތުރުފުޅުގައި އެރަށުގައި ޢިމާރާތް ކޮށްފައިވާ ފެނަކަ އޮފީސް ހުޅުއްވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން