2018 އަށް އެކުލަވާލި އިއްތިހާދުގެ ބައެއް ބޭފުޅުން ދުރަށް ޖެހިވަޑައިގެންނެވި ނަމަވެސް ދައުރު ނިމެންދެން ކޯލިޝަން ދަމަހައްޓަވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބަށް އެމްޑީޕީން ކުރަމުންދާ ކެމްޕޭން ދަތުރުގައި 615 މީހުންގެ އާބާދީއެއް އޮންނަ ހއ. މާރަންދޫ ރައްޔިތުންނާ ބައްދަލުކުރަށްވައި ރައީސް ޞާލިޙް ވިދާޅުވީ ކޯލިޝަން ދަމަހައްޓާނެ ކަމަށާއި ދައުރު ނިމެންދެން އެކަން އޮންނާނީ އެގޮތަށް ކަމަށެވެ.

“ނޮވެމްބަރު މަހާ ހަމައަށް، މި ދައުރު ނިމި އަނެއް ދައުރު ފެށެން ވަންދެން އެ ކޯލިޝަން ދަމަހައްޓާނަން. ނަމަވެސް މި އިންތިހާބަށް ކުރިމަތިލާއިރު އެ ކޯލިޝަނުގެ ބައެއް ބޭފުޅުން ދުރަށް ޖެހިވަޑައިގަންނަވައިފި. މައްސަލައެއް ނޫން އެއީކީ.” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކޯލިޝަންގެ ބައެއް ޕާޓީތަށް މިހާރު ފެޔަށް ޖެހިފައިވީ ނަމަވެސް އާ ކޯލިޝަންގައި ގައުމަށް ހެޔޮ އެދޭ ދެ ޕާޓީ ކަމަށްވާ އެމްޑީއޭއާއި އަދާލަތު ޕާޓީ އެބަ އޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ރިޔާސީ އިންތިހާބުގެ ނަތީޖާއިން އެކަން ފެންނާނެ ކަމަށްވެސް ރައީސް މިއަދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން