ރިޔާސީ އިންތިހާބުގެ ނަތީޖާ ނިކުންނަ ގޮތަކުން ތަރައްގީގެ މަޝްރޫއުތައް ހުއްޓިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބަށް އެމްޑީޕީން ކުރަމުންދާ ކެމްޕޭން ދަތުރުގައި ތަކަންދޫ ރައްޔިތުންނާ ބައްދަލުކުރަށްވައި ރައީސް ޞާލިޙް ވިދާޅުވީ އެމްޑީޕިން ފެށި އިސްލާހީ މަސައްކަތުގައި ތަކަންދޫގެ ހިއްސާ ވަރަށް ބޮޑުކަމަށެވެ. އެގޮތުން އެންމެފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައިވެސް އެރަށުން އެމްޑީޕީއަށް 63 އިންސައްތަ ވޯޓު ލިބުނުކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތަކަންދޫގެ ތަރައްޤީއަށް މި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް ކުރީގެ ސަރުކާރުތަކުގެ ނަތީޖާއާ ނުބައްދަލު ކަމަށާއި ނަމަވެސް ރިޔާސީ އިންތިޚާބުގެ ނަތީޖާ ނިކުންނަ ގޮތަކުން ތަރައްޤީގެ މަޝްރޫޢުތައް ހުއްޓިދާނެ ކަމަށެވެ. އަދި އެއީ ތަކަންދޫ ރައްޔިތުން ވަރަށްބޮޑަށް ވިސްނަންޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ގެނެސްދިން އުފާވެރިކަމާއި، އަމާންކަން ބީވެގެންދިޔަ ނުދީ ހިފަހައްޓަން ޖެހޭ މައިގަނޑު ސަބަބަކީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށްކަމަށެވެ. އެގޮތުން ތަކަންދޫގެ އަސާސީ ހިދުމަތައް ފުރިހަމަކޮށްދިނުމަށް ފަށާފައި ހުރި މަސައްކަތްތައް މިހާރު ދަނީ ނިމެމުންކަން ރައީސް ފާހަގަކުރެއްވިއެވެ.

“ރާއްޖެއަށް ގެންނަން ފެށި ތަރައްގީީގެ މަސައްކަތްތައް އަދި ނުނިމޭ. ބަނދަރުތައް ތަރައްގީކުރުމާއި، ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި، އަދި ސުކޫލުތަކަށް އިމާރާތް އިތުރުކުރުންފަދަ އެތައް މަސައްކަތެއް ކުރަންޖެހިފައި އެބައޮތް.” ރައީސް ވިދާޅުވިއެވެ.

ތަކަންދޫ ތަރައްގީކުރުމަށް މި ސަރުކާރު ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކުރަން ޖެހޭ ކަމަށާއި ތަކަންދޫގެ ބަނދަރަށް ގެންނަންޖެހޭ ބަދަލުތަކާއެކު ބަނދަރު ބޮޑުކޮށްދޭނެ ކަމަށެވެ. އަދި ރަށުގެ ރައްޔިތުން އެދިފައިވާގޮތަށް އިޖުތިމާއީ މަރުކަޒެއް ގާއިމްކޮށްދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން