ރައްޔިތުންގެ އަތުގައި ހިފާނެ ހަމައެކަނި ވެރިއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުالله މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބަށް އެމްޑީޕީން ކުރަމުންދާ ކެމްޕޭން ދަތުރުގައި ތަކަންދޫ ރައްޔިތުންނާ ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި މެންބަރު އަޙްމަދު ވިދާޅުވީ އެމްޑީޕީން މިހާރު އަމާޒު ހިފާފައިވަނީ، ރާއްޖެ އަމާން އޮމާން ތަނަކަށް ހެދުމަށްކަމަށެވެ. އަދި ކުރީ ސަރުކާރުގައި ރާއްޖެއަށް ވެރިވެފައިއޮތް ނާމާންކަން އެމްޑީޕީ މެންބަރުން އަދިވެސް ހަނދާން ހުންނާނެކަމަށް އަޙްމަދު ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވީ ހެޔޮ ގޮތް ބޭނުންވާ ދިވެހި ރައްޔިތުންނަށް ރައީސް ސާލިހު ނޫން އެހެން ވެރިއެއް ނެތްކަމަށެވެ. ރިޔާސީ އިންތިޚާބުގެ ނަތީޖާއިން އެމަންޒަރު ފެންނާނެ ކަމަށްވެސް އަޙްމަދު މިއަދު ވިދާޅުވިއެވެ.

“ރައީސް ސާލިހަކީ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްދޭނެ ވެރިއެއް. ރައްޔިތުން ހާލުގައި ޖެހުމުން ރައްޔިތުންގެ އަތުގައި ހިފާނެ ހަމައެކަނި ވެރިއަކީ ރައީސް ޞާލިޙް.” އަހުމަދު ވިދާޅުވިއެވެ.

އަޙްމަދު މިއަދު ވިދާޅުވީ އެއްވެސް ރަށެއް ތަފާތު ކުރުމެއްނެތި ރައީސް ޞާލިޙް ގެނެސްދެއްވާ ތަރައްގީ ރާއްޖޭގެ ރައްޔިތުން ބަލައިގަންނަ ކަމަށާއި މިފަދަ ހެޔޮ ވެރިކަމެއް ދޫކޮށްލަން ބޭނުންވާ ރައްޔިތަކު ނެތް ކަމަށެވެ.

ހަމައެއާއެކު ކުރިއަށް އޮތް އިންތިޚާބުގައި ތަކަންދޫއާއި، ރާއްޖޭގެ އެހެން ކަންކޮޅުތަކުންވެސް ރައީސް ޞާލިޙަށް ބޮޑު އަގުލަބިއްޔަތެއް ލިބޭނެކަމަށް އަޙްމަދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން