ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅިގެން ސަން ކޮންސްޓްރަކްޝަން ކުންފުންޏަށް ޑޮލަރު ޖަމާކުރަން ދިން ޗެކާއި ކުރީގެ ރައީސް ޔާމީން ދިވެހި ރުފިޔާއިން ދައްކަން ޖެހޭ ފައިސާ ދައްކާފައިވާ ކަމަށް ބުނެ ދިން ފައިސާ ރަސީދުގައި ވެސް އޮތީ ރ. ފުއްގިރި މައްސަލައިގައި ދައުލަތުން ދައުވާ އުފުލުމަށްފަހު އަނބުރާ ގެންދިޔަ އަހުމަދު ކްރިކް ރިޟާގެ ނަމާއި ސޮއި ކަމަށް ހެކިވެރިޔަކު ބުނެފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ހެނދުނު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށް ޙާޟިރުވެ ހެކިބަސްދެމުން ސަން ކޮންސްޓްރަކްޝަން ކުންފުނީގެ އޭރުގެ ފައިނޭންސް ޑިރެކްޓަރު ސްރީލަންކާގެ ސްރީތަކުމާރު ބުނީ ޗެކް ހިފައިގެން މައުރޫފާއެކު އައީ ކްރިކް ރިޒާ ކަމަށާއި، ޗެކްގައި އޮތީ ކްރިކް ރިޒާގެ ނަންކަމަށެވެ. އެ ޗެކަކީ ޔާމީނަށް ދޭ ޗެކެއްކަމަށް އޭނާ ގާތުގައި މައުރޫފު ވިދާޅުވިކަމަށްވެސް ހެކިވެރިޔާ ބުންޏެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް އެ ޗެކް ޖަމާކުރީ ސަން ކޮންސްޓްރަކްޝަންގެ ޑޮލަރު އެކައުންޓަށް ކަމަށް އޭނާ ބުނެފައިވެއެވެ. ޑޮލަރު މާރުކުރުމުގެ ޗެކު ސަން ކޮންސްޓްރަކްޝަންގެ އެކައުންޓަށް ޖަމާކުރި ނަމަވެސް އެ ކުންފުންޏަކީ ކަރެންސީ އެކްސްޗޭންޖު ކުރުމުގެ ލައިސެންސް އޮތް ކުންފުންޏެއް ނޫނެވެ.

އެހެންކަމުން އެފައިސާ ސަން އިންވެސްޓްމަންޓްގެ އެކައުންޓަށް ޓްރާންސްފާ ކުރި ކަމަށްވެސް ހެކިވެރިޔާ ވަނީ ބުނެފައެވެ. އަދި އެއީ ކިހާ އަދަދެއްގެ ޗެކެއްކަން މިހާރު ބުނަން ސީދާ ހަނދާން ނެތްކަން ފާހަގަކުރަމުން ހެކިވެރިޔާ ބުނީ އެ ޗެޖުގައި އެއް މިލިއަނަށް ވުރެ ގިނަ ޑޮލަރު ހުންނާނެ ކަމަށެވެ.

އިންޓަނެޓްގެ މައްސަލަތައް ދިމާވެ މިއަދުގެ އަޑުއެހުމުގައި އެ ހެކިވެރިޔާގެ ހެކިބަސް އެއްކޮށް ނަގާ ނިމިފައި ނުވާއިރު ޝަރީއަތުން ވަނީ ދެން އޮތް ބައި އެހެން ދުވަހަކަށް ގެންދިއުމާ މެދު ދައުލަތުން ގޮތެއް ނިންމުމަށް އެދިފައެވެ.

މިއަދުގެ އަޑުއެހުމުގައި ސައޫދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަ ކޮންސިއުލޭޓަށް ޙާޟިރުކުރި ޝިފާޢުގެ ހެކިބަސް ނެގުމަށް ދިފާޢުން ވަނީ އިޢުތިރާޟް ކޮށްފައެވެ. އެގޮތުން ސައޫދީގައި އެމްބަސީ ހުއްޓައި ކޮންސިއުލޭޓް މެދުވެރިކޮށް ހެކިބަސް ނުނެގޭނެ ކަމަށް ދިފާޢުން ވަނީ ބުނެފައެވެ. އެހެންކަމުން ޤާޟީ ނަދީމް ވަނީ ޝިފާއުގެ ހެކިބަސް ކޮންސިއުލޭޓު މެދުވެރިކޮށް ނުނެގުމަށް ނިންމާފައެވެ.

މި މައްސަލާގައި މިހާތަނަށް ދައުލަތުން ހުށަހެޅި ނުވަ ހެއްކެއްގެ ހެކިބަސް ނަގާފައިވެ އެވެ. އޭގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހިމެނެ އެވެ. އެހެންކަމުން ދެން ބާކީ އޮތީ ދައުލަތުން ހުށަހަޅާފައިވާ ދެ ހެއްކެއްގެ ހެކިބަހެވެ.

ފުއްގިރި މައްސަލާގައި ހިމެނުނު ކްރިކް ރިޟާގެ މައްސަލަ ދަޢުލަތުން މިހާރުވަނީ ފަހުން ހުށައެޅުމަށް ކަމަށްބުނެ އަނބުރާ ގެންގޮސްފައެވެ.

ފުއްގިރީގެ މުޢާމަލާތާއި ގުޅިގެން ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރެއްވުމުގެ ދައުވާ އުފުލާފައިވެއެވެ. ހަމައެއާއެކު ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށްވެސް ދަޢުލަތުން ވަނީ ދަޢުވާ އުފުލާފައެވެ.

ރ. ފުއްގިރި މައްސަލާގައި ޕީޖީ އޮފީހުން ބުނެފައިވަނީ، މި މައްސަލާގެ ތެރެއިން ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 ޑޮލަރު ދައުލަތަށް އަނބުރާ ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި މި މައްސަލާގައި ދަޢުލަތުންވަނީ ރައީސް ޔާމީނަށް ލިބިފައިވާ ޢާމްދަނީއާއި ނުބައްދަލު ފައިސާ އާއި މުދާ ދަޢުލަތަށް ނަގައިދިނުމަށް އެދިފައެވެ.

މިއީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅުވައިގެން ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވާ ތިންވަނަ މައްސަލައެވެ. މީގެކުރިން ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު މަނީލޯންޑަރ ކުރި މައްސަލައެއް ސާބިތުވެ ރައީސް ޔާމީނަށް ވަނީ، 5 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ. ނަމަވެސް އެޙުކުމް ސުޕްރީމް ކޯޓުން ބާތިލުކުރިއެވެ.

އޭގެފަހުން ވ. އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) ރައީސް ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށް ބުނާ މައްސަލާގައި ރިޝްވަތާއި މަނީލޯންޑަރ ކުރުމުގެ ކުށް ކޮށްފައިވާކަން ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ރައީސް ޔާމީން މިހާރު ގެންދަވަނީ ޖަލުގައި ތަންފީޒު ކުރަށްވަމުންނެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލުޙުކުމްގެ އިސްތިޢުނާފް ހައިކޯޓުގައި ކުރިއަށް ދާއިރު އެމައްސަލަވެސް މިވަގުތު އޮތީ މަޑުޖެހިފައެވެ. ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓުންގެ ނަން ހުށައެޅުން ކުޑަތަންވެފައިވާއިރު ރައީސް ޔާމީންގެ ޖަލު ޙުކުމް ބާޠިލް ނުކުރެވިއްޖެނަމަ އެމަނިކުފާނަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން