ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހުން އެއްލައްކަ ރުފިޔާގެ އިދާރީ ފީއެއް ދައްކަންޖެހޭނެ ކަމަށް އެކޮމިޝަނުން ހާމަކޮށްފިއެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 23 ވަނަ ދުވަހު ހުޅުވާލުމަށް ނިންމާފައިވާއިރު އީސީގެ ނައިބުރައީސް އިސްމާޢީލް ޙަބީބު މިއަދު ވިދާޅުވީ ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހުން އިދާރީ ފީއެއްގެ ގޮތުން އެއްލައްކަ ރުފިޔާ ދައްކަންޖެހޭނެ ކަމަށެވެ.

ޙަބީބު ވިދާޅުވީ މިއީ ޑިޕޮޒިޓް ފައިސާ އެއްނޫން ކަމަށާއި މި ފައިސާއަކީ ކެންޑިޑޭޓަށް އަނބުރާ ލިބޭނެ އެއްޗެއްނޫން ކަމަށެވެ.

“މި ފައިސާ ދައްކަން ޖެހެނީ ސަރުކާރުގެ ފައިސާ ދައްކަން ހަމަޖައްސާފައިވާ ނިޒާމްގެ ތެރެއިން އީސީން ފައިސާ ދައްކަން އެންގުމުން.” ޙަބީބު ވިދާޅުވެފައިވެއެވެ.

ރިޔާސީ އިންތިޚާބަށް ސިޔާސީ ޕާޓީއެއްގެ ފަރާތުން ފިޔަވައި، އަމިއްލަ ގޮތުން ކުރިމަތިލާ މީހެއްނަމަ، ޢުމުރުން 18 އަހަރު ފުރިފައިވާ މީހުންކުރެ މަދުވެގެން 1500 މީހުންގެ ސޮއި ހިމެނޭ ލިޔުމެއް ވެސް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހެއެވެ. ޙަބީބު ވިދާޅުވީ މި ލިޔުމަކީ ސައްހަ ސޮއި ހިމެނޭ އަދި މަޢްލޫމާތު ފުރިހަމަވެފައިވާ ލިޔުމަކަށް ވާންވާނެ ކަމަށެވެ.

“މި ލިޔުން މާދަމާ އިން ފެށިގެން އީސީ އިން ލިބިވަޑައިގަންނަވާނެ. ލިޔުމުގައި ސޮއިކުރައްވާ 1500 ބޭފުޅުންގެ އައިޑެންޓިޓީ ކާޑުގެ ކޮޕީ ހުށަހަޅުއްވާކަށް ޖެހިވަޑައިނުގަންނަވާނެ.” ޙަބީބު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި ވޯޓްލުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި 604 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ޖުމްލަ އަދަދަކީ 282406 އެވެ.

ގާނޫނުއަސާސީގެ 110 ވަނަ މާއްދާ ބުނާ ގޮތުން، ހިނގަމުންދާ ރިޔާސީ ދައުރު ހަމަވުމުގެ 120 ދުވަހާއި 30 ދުވަހާ ދެމެދު ރިޔާސީ އިންތިޚާބު ބާއްވަން ޖެހޭނެއެވެ. މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނީ ޖުލައި 23 އިން އޮގަސްޓް 7 އަށެވެ.

ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެެވެ. އަދި އިންތިހާބުގެ 2 ވަނަ ބުރެއް ބާއްވަން ޖެހޭނަމަ އެ ވޯޓްލުން ސެޕްޓެމްބަރު 30ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން