އުތުރު ޔޫރަޕްގެ ޤައުމެއްކަމަށްވާ ސްވިޑްންގައި ތަކުރާރުކޮށް ކީރިތި ޤުރްއާނުގެ މުޞްޙަފް އަންދަމުންދާ މައްސަލާގައި އަނެއްކާވެސް ދިވެހި ސަރުކާރުން ނުރުހުން ފާޅުކޮށް އެކަން ކުށްވެރިކޮށްފިއެވެ.

ސްވިޑްންގެ ސްޓޮކްހޯމްގައި ހުންނަ އިރާގު އެމްބަސީ ކުރިމަތީގައި ކީރިތި ޤުރުއާނަށް އިހުތިރާމް ކުޑަކޮށް މުޞްޙްފް އެންދުމުގެ އަމަލު ހިންގާތީ ދުނިޔޭގެ އިސްލާމީ ޤައުމުތަކާއި އެނޫންވެސް ސުލްޙައާއި އިންސާފަށް ވަކާލާތުކުރާ ޤައުމުތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކުން އަންނަނީ ނުރުހުންފާޅުކޮށް އެކަން ކުށްވެރިކުރަމުންނެވެ. މިމައްސަލާގައި ދިވެހި ރާއްޖެއިން ވަނީ މީގެކުރިންވެސް ނުރުހުން ފާޅުކޮށްފައެވެ.

ސްވިޑްންގެ މި ހަރުކަށި އަދި ނަފުރަތު އުފެއްދުމުގެ ޢަމަލު ތަކުރާރުވަމުންދާތީ ދިވެހި ސަރުކާރުންވަނީ އަނެއްކާވެސް ރޭގެ ވަގުތެއްގައި ބަޔާނެއް ނެރެ ނުރުހުން ފާޅުކޮށްފައެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ސްވިޑްންގައި ތަކުރާރުކޮށް ހިންގަމުން އަންނަ މި އަމަލު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެތައް މިލިޔަން މުސްލިމުންގެ އިޙްސާސްތަކާ ކުޅެ، އެމީހުންނަށް ސްވިޑްންއިން އެއްވެސް އިޙްތިރާމެއް ނުކުރާކަން ހާމަވާކަމެއްކަމަށް ދޭހަވާގޮތަށް ދިވެހި ސަރުކާރުންވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި މި އަމަލަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ހިންގި ކަމެއްކަމަށް ބުނެ ނިންމާ ނުލެވޭނެކަމަށާ، މިއީ ދީނަށް ފުރައްސާރަކުރުމުގެ ޢަމަލެއްކަމަށްވެސް ދިވެހި ސަރުކާރުން ދެކެއެވެ.

މިފަދަ އަމަލުތަކަކީ އެއިން އެއްވެސް ފައިދާއެއް ނުނުކުންނާނޭކަމެއްކަމަށާ، އަދި އޭގެ ސަބަބުން ބައިނަލްއަޤުވާމީ އެއްބައިވަންތަކަމުގެ އަސާސްތައް ނެތިގެންގޮސް ސުލްޙަޔަށް ބުރޫއެރުން ނޫންކަމެއް ނުވާނެކަމަށްވެސް ދިވެހިސަރުކާރުން ދެކެއެވެ.

އެހެންކަމުން އިސްލާމް ދީނާ ދެކޮޅަށް ހިންގާ މިފަދަ ހަރުކަށި އަމަލުތައް ހުއްޓުވުމަށް ދިވެހިސަރުކާރުން ވަނީ ބައިނަލްއަޤުވާމީ ދުނިޔެއަށް ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން