ރައްޔިތުން ވިސްނެވުމަށާއި ސިޔާސީ އެންމެންވެސް މިހާރު ކުޅެނީ ރިޕީޓްވާ ފިލްމެއް ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ރައީސް އަޙްމަދު ފާރިސް މައުމޫން މިއަދު ވިދާޅުވެއްޖެއެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިޙާބަށް އިދިކޮޅު ޕާޓީތަކުން ގުޅިގެން އެއް ކެނޑިޑޭޓަކު ނެރުމަށް މަސައްކަތް ކުރަމުންދާކަމަށް ހާމަކޮށްފައިވާ ދަނޑިވަޅެއްގައި ފާރިސްގެ ވީޑިއޯ ކްލިޕެއް މީސް މީޑިއާގައި ވަނީ ޢާއްމުވެފައެވެ.

އެވީޑިއޯ ކްލިޕްގައި ފާރިސް ވިދާޅުވެފައިވަނީ ރާއްޖޭގައި މިހާރުއޮތް ޒުވާންޖީލަކީ ވަރަށް ތަޢުލީމީ މަސައްކަތްތެރި އުންމީދީ ޖީލެއްކަމަށެވެ. އެހެންކަމުން ސިޔާސީ މީހުން ދައްކާ ވާހަކަތަކާމެދު ފުންކޮށް ވިސްނައި ދިރާސާ ކުރުމަށް ފާރިސް އެދިލައްވާފައިވެއެވެ.

“ހަމަ ތިމަންނަގެ ރަށުގައި ތާރުކޮޅެއް އަޅާލަން ބުނީމަ ވޯޓުދޭން އެގޮތަށް ނުނިންމަވާ.” ފާރިސް ވިދާޅުވެފައިވެއެވެ.

ފާރިސް ވިދާޅުވީ ވެރިކަން ބޭނުންވެގެން މަސައްކަތްކުރާއިރު ދައްކާވާހަކައާއި ވެރިކަން ލިބުމުން ޢަމަލުކުރާގޮތް ތަފާތުވާ ކަމަށެވެ. އެގޮތުން ވެރިކަން ލިބުމާއެކު އެއީ ހަމައެކަނި ތިމާމެންގެ މޮޅުކަމުން ލިބުނު ކަމެއް ކަމަށް ޤަބޫލުކޮށް ކުރިންދެއްކި ވާހަކަތައްވެސް ހަނދާން ނެތޭ ކަމަށް ފާރިސް ވިދާޅުވިއެވެ.

“ރައްޔިތުން އެއްފިޔަވަޅު ފަހަތަށް ޖެހިވަޑައިގެން ބައްލަވާލެއްވީމަ އެނގިވަޑައިގަންނަވާނެ މިކޮންމެ ބަޔަކުވެސް އައިސް މިކުރަނީ ހަމަ އެއްކަމެއް. ރިޕީޓް ވާ ފިލްމެއްމީ.” ފާރިސް ވިދާޅުވިއެވެ.



ފާރިސްގެ މިފަދަ ވީޑިއޯ ކްލިޕެއް ޢާއްމުވެފައިވާއިރު ރިޔާސީ އިންތިޚާބުގައި އިދިކޮޅުން އެއް ކެންޑިޑޭޓަކު ނެރުމަށް މަސައްކަތްކުރުމަށް ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީ އާއި ދަ ޑިމޮކްރެޓްސް އިން ވަނީ އެއްބަސްވެފައެވެ. އަދި އެކަމުގައި ފާރިސް ރައީސްކަން ކުރަށްވާ އެމްއާރުއެމް އާ މަޝްވަރާ ކުރަށްވާނެކަމަށް ޖޭޕީގެ ލީޑަރ ޤާސިމް ވަނީ ވިދާޅުވެފައެވެ.

ޖޭޕީ އާއި އެމްއެންޕީ އާއި ޑިމޮކްރެޓްސް އާއި ޕީޕީއެމުން ރިޔާސީ އިންތިޚާބުގެ ކެމްޕޭން ފަށާފައިވާއިރު 4 ޕާޓީންވެސް ވަނީ އެއްބަޔަކު އަނެއްބަޔަކާ ވަކިވަކި ބައްދަލުވުންތައް ބާއްވާފައެވެ. ހަމައެއާއެކު އެމްއާރުއެމް އާއި ޖުމްހޫރީ ޕާޓީއާ ދެމެދުވެސް މަޝްވަރާ ބައްދަލުވުމެއް މީގެ ކުރިން ވަނީ ބާއްވާފައެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭން އެންމެ ބާރަށް ކުރިޔަށް ގެންދާކަމަށް ފެންނަނީ ވެރިކަމުގައިއޮތް އެމްޑީޕީންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން