މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނެފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލާ ކަމަށެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް އެދޭ މީހުން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، މާދަމާ ހެނދުނު 9:00އިން ފެށިގެން އަންނަ މަހުގެ ހަތެއްގެ މެންދުރުފަހު 2:00 އާ ހަމަޔަށް ހުޅުވާލާ ކަމަށް އެ އިއުލާނުގައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ކުރިމަތިލާ މީހުންގެ ފުރިހަމަ ވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި ދިވެހި މަންމައަކާއި ދިވެހި ބައްޕައަކަށް އުފަން ދިވެހި ރައްޔިތަކު ކަމުގައިވުމާއި އަދި ބޭރު ގައުމެއްގެ ރައްޔިތަކު ކަމުގައި ނުވުމާއި މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުން ހިމެނެއެވެ.

އޭގެ އިތުރުން ޢުމުރުން 35 އަހަރުވެފައިވާ މީހަކަށް ވުމާއި ބުއްދި ހަމައަށްހުރި މީހަކު ކަމުގައިވުމާއި އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް ނަމަ، އެ ދަރަނި ޚަލާޞްކޮށްފައިވުމާއި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށްވެސް ވާންޖެހެއެވެ.

ހަމައެއާއެކު އެ މީހަކީ އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ މަކަރާއި ހީލަތް، ޓެކުން، ޚިޔާނާތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުމަކީވެސް ޝަރުތެކެވެ.

ރިޔާސީ އިންތިޚާބަށް ސިޔާސީ ޕާޓީއެއްގެ ފަރާތުން ފިޔަވައި، އަމިއްލަ ގޮތުން ކުރިމަތިލާ މީހެއްނަމަ، ޢުމުރުން 18 އަހަރު ފުރިފައިވާ މީހުންކުރެ މަދުވެގެން 1500 މީހުންގެ ސޮއި ހިމެނޭ ލިޔުމެއް ވެސް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހެއެވެ. ހަމައެއާއެކު ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހުން އެއްލައްކަ ރުފިޔާގެ އިދާރީ ފީއެއް ދައްކަންޖެހެއެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމުލަ 283،272 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާއިރު އޭގެ ތެރޭގައި އަލަށް ވޯޓުލުމުގެ ފުރުސަތު ލިބޭ 21،137 ޒުވާނުން ހިމެނެއެވެ. އިންތިޚާބަށް ރީރެޖިސްޓާ ވުމަށް މިދިޔަ އާދިއްތަ ދުވަހު ހުޅުވާލާފައިވާއިރު އަންނަ މަހުގެ ފަސް ވަނަ ދުވަހު ހަވީރު 04:00އާ ހަމައަށް ރީރެޖިސްޓްރޭޝަނަށް އެދެވޭނެއެވެ.

ރިޔާސީ އިންތިހާބުގައި ވޯޓްލުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި 604 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

ގާނޫނުއަސާސީގެ 110 ވަނަ މާއްދާ ބުނާ ގޮތުން، ހިނގަމުންދާ ރިޔާސީ ދައުރު ހަމަވުމުގެ 120 ދުވަހާއި 30 ދުވަހާ ދެމެދު ރިޔާސީ އިންތިޚާބު ބާއްވަން ޖެހޭނެއެވެ. މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނީ ޖުލައި 23 އިން އޮގަސްޓް 7 އަށެވެ.

ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެެވެ. އަދި އިންތިހާބުގެ 2 ވަނަ ބުރެއް ބާއްވަން ޖެހޭނަމަ އެ ވޯޓްލުން ސެޕްޓެމްބަރު 30ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން