ކުރީގެ ނައިބުރައީސް އަޙްމަދު އަދީބު | ފޮޓޯ: އަޙްމަދު އަދީބު ފޭސްބުކް ޕްރޮފައިލް
ކުރީގެ ނައިބުރައީސް އަޙްމަދު އަދީބު | ފޮޓޯ: އަޙްމަދު އަދީބު ފޭސްބުކް ޕްރޮފައިލް
ބޭސްފަރުވާއަށް ރާއްޖޭން ބޭރުގައި ހުރުމުގެ މުއްދަތު އިތުރުކޮށްދިނުމަށް ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު އެދިވަޑައިގެންފިއެވެ.

އަދީބު ސިންގަޕޫރަށް ވަޑައިގެންނެވީ ސިއްޙީ ތަޖުރިބާކާރުންގެ ލަފާގެ މަތިން އެމަނިކުފާނުގެ ފުރާނައަށް ނުރައްކާތެރި ބައްޔަކަށް ފަރުވާ ހޯއްދެވުމަށްކަމަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ޕާޓީ (އެމްޓީޑީ) އިން ވަނީ ބުނެފައެވެ. ނާރުގެ ނުރައްކާތެރި ބައްޔަކަށް ފަރުވާ ހޯއްދެވުމަށް އަދީބު ސިންގަޕޫރަށް ފުރައިވަޑައިގަތީ މި މަހުގެ 11ވަނަ ދުވަހެވެ.

މިވަގުތު ޙުކުމެއް ތަންފީޒު ކުރަށްވަމުން ގެންދަވާ އަދީބުގެ ބޭސް ފަރުވާއަށް ކަރެކްޝަނަލް ސާވިސްއިން ވަނީ 10 ދުވަސް ދީފައެވެ. ކަރެެކްޝަނުން ބުނީ، އަދީބަށް ރާއްޖޭންބޭރަށް ވަޑައިގަތުމުގެ ހުއްދަ ދިނީ ރާއްޖޭގައި ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ކަމަށާއި އެއީ އެ އިދާރާގެ މެޑިކަލް ބޯޑުގެ ލަފައާއެކު ނިންމި ނިންމުމެއްކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަދީބަށް ބޭސްފަރުވާ ކުރަން ދީފައިވާ މުއްދަތުގައި ފަރުވާގެ ކަންކަން ފުރިހަމަނުވާތީ އާ ލިޔެކިޔުންތައް ހުށަހަޅައި މުއްދަތު އިތުރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދީބުގެ ފަރާތުން ރަސްމީކޮށް އެ ރިކުއެސްޓު ލިބިފައިވާކަމަށް ކަރެކްޝަންސް އިން ވަނީ ބުނެފައެވެ.

ކަރެކްޝަނުން ބުނީ ރާއްޖެއިން ބޭރުގައި އަދީބު ހުންނަވާ މުއްދަތުގައި އެ ސަރވިސް އާއި ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެން މޮނިޓަރކުރަމުން ގެންދާނެކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި 20 އަހަރަށް ޖަލަށް ހުކުމްކޮށްފައި ވީނަމަވެސް އަދީބުގެ ސިއްޙީ ސަބަބުތަކަކަށްޓަކައި އޭނާވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.

މީގެކުރިންވެސް އަދީބު ވަނީ ކަރެކްޝަނަލް ސަރވިސްއިން ހުއްދައެއްގެ ދަށުން ފަރުވާއަށް އިންޑިއާއަށް ވަޑައިގެންފައެވެ. ނަމަވެސް ބޭސްފަރުވާއަށް ފަހު ވަނީ އެނބުރި ވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން