މާލޭގައި ހަށިވިއްކަމުން ދިޔަކަމުގެ ތުހުމަތުގައި ދިވެހި ދެ ފިރިހެނަކާއި، ބިދޭސީ ތިން އަންހެނަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ މާލޭގައި ހިންގަމުންދިޔަ އަލޯރާ ސްޕާ އެންޑް ސެލޫންގައި ހަށިވިއްކަމުންދާ ކަމަށް ލިބުނު އިންޓެލިޖެންސް މަައުލޫމާތަކާ ގުޅިގެން، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަން އާއި އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓުމެންޓް އަދި އިންޓެލިޖެންސާއި އިމިގްރޭޝަން ގުޅިގެން އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ 38 އަހަރާއި 39 އަހަރުގެ ދިވެހި ފިރިހެނަކާއި 34 އަހަރުގެ ބިދޭސީ ދެ އަންހެނަކާއި 43 އަހަރުގެ ބިދޭސީ އަންހެނެއް ކަމަށް ފުލުހުން ބުނެ އެވެ. އަދި ބައެއް މީހުން ހައްޔަރުކޮށްފައި ވަނީ ނިވާކަން ކުޑަކޮށް ތިއްބައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

މީގެ ތެރެއިން ދިވެހި ދެ ފިރިހެނުންގެ ތެރެއިން 39 އަހަރުގެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ފަސް ދުވަސް ޖަހައިފައެވެ. އަދި 38 އަހަރުގެ މީހާގެ ބަންދަށް 10 ދުވަސް ޖަހާފައިވާއިރު، ބިދޭސީ ތިން އަންހެނުންގެ ބަންދަށް ޖަހާފައި ވަނީ 15 ދުވަހެެވެ.

މި ފަސް މީހުންވެސް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައި ވަނީ ޝަރީއަތް ކުރުމާއި ބެހޭ އިޖްރާއަތުގެ ގަވާއިދުގައިވާ ކަންކަން ފުރިހަމަވާ ކަމަށް ބެލެވޭތީއެވެ.

މި މީހުންގެ ބަންދު އަމުރުގައި ބުނެފައިވަނީ އެމީހުންނާމެދު ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ. ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން