ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅިގެން ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ ކޮށްފައިވާ މައްސަލައިގައި މިއަދަށް ތާވަލުކުރި އަޑުއެހުން ކެންސަލް ކޮށްފި އެވެ.

ފުއްގިރި ކުއްޔަށް ދިނުމުގައި ހިޔާނާތްތެރިވި މައްސަލައިގައި ޔާމީންގެ އިތުރުން ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ. މި މައްސަލައިގައި ދެން ހިމެނޭ އަހުމަދު ކްރިކް ރިޒާގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ ކޮށްފައިވީ ނަމަވެސް އޭނާގެ ބައި ދައުލަތުން ވަނީ އަނބުރާ ގެނެސްފަ އެވެ.

މައްސަލާގައި މިއަދަށް ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފައި ވަނީ ސަން ކޮންސްޓްރަކްޝަން ކުންފުނީގެ ދެ ވަކީލަކު އެހެން ކޯޓަކަށް ހާޒިރުވާން އަންގާފައިވާތީ އެވެ. އެ މައްސަލަތައް އޮތީ މި މައްސަލަ ތާވަލުކޮށްފައި އޮތް ގަޑީގައި ކަމަށް ކްރިމިނަލް ކޯޓުން މައުލޫމާތުދެ އެވެ.

މި މައްސަލައިގައި މިއަދަށް ތާވަލުކުރި އަޑުއެހުމުގައި ދައުލަތުން ހުށަހަޅާފައިވާ ހުރިހާ ހެކިންގެ ހެކިބަސް ނަގައި ނިންމާލަން އޮތީ ހަމަޖެހިފަ އެވެ. މިއަދު ހެކިބަސް ދޭން ހާޒިރުކުރަނީ ސަން ކޮންސްޓްރަކްޝަން ކުންފުނީގެ ފައިނޭންސް ޑިރެކްޓަރުގެ ވަޒީފާގައި ކުރިން ހުރި ސްރީލަންކާގެ ސްރީތަކުމާރާއި އެމްއެމްޕީއާރްސީގައި ކުރިން މަސައްކަތް ކުރި މުހައްމަދު ޝިފާއު ކިޔާ މީހެކެވެ.

ސްރީތަކުމާރުގެ ހެކިބަސް މިދިޔަ ހަފްތާގެ ޝަރީއަތުގައި ވަނީ ނަގައިފަ އެވެ. ނަމަވެސް އިންޓަނެޓްގެ ގިނަ މައްސަލަތަކަކާ ގުޅިގެން އޭނާ ކޯޓަށް ހާޒިރުކުރުމަށް ފަހުން ވަނީ ނިންމާފަ އެވެ. އޭނާ ރާއްޖެ ގެނައުމުގެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ދައުލަތުން އެދުވަހުގެ ޝަރީއަތުގައި ވަނީ ބުނެފަ އެވެ. ޝިފާއު ޝަރީއަތުގައި ބައިވެރިވަނީ ސަޢުދީ އަރަބިއްޔާގައި ހުންނަ ދިވެހި އެމްބަސީންނެވެ.

މި މައްސަލާގައި މިހާތަނަށް ދައުލަތުން ހުށަހެޅި ނުވަ ހެއްކެއްގެ ހެކިބަސް ނަގާފައިވެ އެވެ. އޭގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހިމެނެ އެވެ.

ފުއްގިރީގެ މުޢާމަލާތާއި ގުޅިގެން ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރެއްވުމުގެ ދައުވާ އުފުލާފައިވެއެވެ. ހަމައެއާއެކު ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށްވެސް މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ދަޢުލަތުން ވަނީ ދަޢުވާ އުފުލާފައެވެ.

ރ. ފުއްގިރި މައްސަލާގައި ޕީޖީ އޮފީހުން ބުނެފައިވަނީ، މި މައްސަލާގެ ތެރެއިން ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 ޑޮލަރު ދައުލަތަށް އަނބުރާ ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި މި މައްސަލާގައި ދަޢުލަތުންވަނީ ރައީސް ޔާމީނަށް ލިބިފައިވާ ޢާމްދަނީއާއި ނުބައްދަލު ފައިސާ އާއި މުދާ ދަޢުލަތަށް ނަގައިދިނުމަށް އެދިފައެވެ.

މިއީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅުވައިގެން ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވާ ތިންވަނަ މައްސަލައެވެ. މީގެކުރިން ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު މަނީލޯންޑަރ ކުރި މައްސަލައެއް ސާބިތުވެ ރައީސް ޔާމީނަށް ވަނީ، 5 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ. ނަމަވެސް އެޙުކުމް ސުޕްރީމް ކޯޓުން ބާތިލުކުރިއެވެ.

އޭގެފަހުން ވ. އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) ރައީސް ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށް ބުނާ މައްސަލާގައި ރިޝްވަތާއި މަނީލޯންޑަރ ކުރުމުގެ ކުށް ކޮށްފައިވާކަން ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ރައީސް ޔާމީން މިހާރު ގެންދަވަނީ ޖަލުގައި ތަންފީޒު ކުރަށްވަމުންނެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލުޙުކުމްގެ އިސްތިޢުނާފް ހައިކޯޓުގައި ކުރިއަށް ދާއިރު އެމައްސަލަވެސް މިވަގުތު އޮތީ މަޑުޖެހިފައެވެ. ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓުންގެ ނަން ހުށައެޅުން ކުޑަތަންވެފައިވާއިރު ރައީސް ޔާމީންގެ ޖަލު ޙުކުމް ބާޠިލް ނުކުރެވިއްޖެނަމަ އެމަނިކުފާނަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން