އިލެކްޝަންސް ކޮމިޝަނުން ދަނީ މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމްއާރުއެމްގެ ސިޔާސީ ޙައްޤުތަކަށް އަރައިގަންނަމުން ކަމަށް އެޕާޓީގެ ނައިބު ރައީސް އައިމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި އެމްއާރުއެމްގެ ފަރާތުން އެ ޕާޓީގެ ރައީސް އަޙްމަދު ފާރިސް މައުމޫން ވާދަ ކުރަށްވާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އެކަމާ ގުޅިގެން ނާދިރާ ވިދާޅުވެފައިވަނީ ސިޔާސީ ހަރަކާތްތަކުގައި ކުރިއަށް ދާން އެމްއާރުއެމަށް އީސީގެ ސަބަބުން ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ.

އެގޮތުން ރިޔާސީ އިންތިހާބުގެ ބައްދަލުވުންތަކާއި އިންތިހާބަށް އެކުލަވާލި ގައުމީ ލަފާދޭ ކޮމިޓީގައިވެސް އެޕާޓީ ބައިވެރި ނުކުރާކަން އޭނާ ފާހަގަކުރެއްވިއެވެ. ހަމައެއާއެކު ރިޔާސީ އިންތިހާބުގައި ވާދަކުރުމާ ގުޅޭ ގޮތުން ނުވަތަ ކޯލިޝަނަކާއެކު ކުރިއަށް ދިއުމާ ގުޅޭގޮތުން ޕާޓީގެ ކައުންސިލްގެ ރަސްމީ ނިންމުމެއް މިވަގުތު ނެތްކަމަށް ނާދިރާ ވިދާޅުވިއެވެ.

ނާދިރާ މިމޭރުމުން ވިދާޅުވެފައިވާއިރު އިދިކޮޅު ކޮންގްރެސް ކޯލިޝަނާއި، އެމްއާރުއެމްގެ ސިޔާސީ މަޝްވަރާތަކެއް ކުރިޔަށްދާ ކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ. މި މަޝްވަރާތައް ކުރިއަށްދަނީ ރައީސް ޔާމީންގެ އެދިވަޑައިގެންނެވުމުގެ މަތިންކަމަށްވެސް ބައެއް މަސްދަރުތަކުން ވަނީ ޚަބަރު ލިބިފައެވެ.

ރައީސް މައުމޫންގެ ދަރިކަލުން އަދި ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫން ހުންނެވީ ރައީސް ޔާމީނާއި އެކު އެވެ. އަދި ރައީސް ޔާމީނަށް އިންތިހާބުގައި ކުރިމަތި ނުލެވޭ ހާލަތެއްގައި، ޣައްސާނަކީ ކެނޑިޑޭޓަށް ވެދާނެކަމުގެ ރިޕޯޓްތަކެއްވެސް ވަނީ ލިބިފައެވެ.

ރިޔާސީ އިންތިޚާބުގައި ކުރިއަށްދާނެ ގޮތެއް އެމްއާރުއެމްއާއި ޕީޕީއެމުން ނިންމާފައި ނުވާއިރު އީސީން މިހާރުވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ނަން ހުށައެޅުމަށް ހުޅުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން