ރައީސް ޔާމީންގެ ވަކީލުންގެ ބައްދަލުވުން މިއަދު ކެންސަލްކުރީ ވަކީލުން ގެންދިޔަ ތަކެތި ބަލައިފާސްކުރަން ދެކޮޅުހެދުމުން ކަމަށް މޯލްޑިވްސް ކަރެކްޝަންސް ސަރވިސް އިން ހާމަކޮށްފިއެވެ.

ކަރެކްޝަންސް ސަރވިސް އިން މިހެން ބުނެފައިވަނީ ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމަށް މިއަދު އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމާ ބައްދަލު ނުކުރެވުނުކަމަށް އެމަނިކުފާނުގެ އިސްވަކީލް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވުމާ ގުޅިގެންނެވެ.

ޑރ. ޖަމީލް މިއަދު ވިދާޅުވީ ރައީސް ޔާމީނާ ބައްދަލުކުރުމަށް މާފުށީ ޖަލަށް ވަޑައިގަތުމުން އެކަމަށް ޖަލު އޮފިސަރުން ހުރަސްއަޅާފައިވާ ކަމަށެވެ. އަދި އެބޭފުޅުންގެ ޝައުޤުވެރިކަންހުރީ ވަކީލުން ގެންދިޔަ ދުސްތޫރީ މައްސަލައިގެ ލިޔެ ކިޔުންތައް ބެލުމަށް ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލްގެ ވާހަކަތަކަށް ރައްދު ދެމުން ކަރެކްޝަންސް އިން ބުނީ، މިއަދު ރައީސް ޔާމީންގެ ވަކީލުން ބައްދަލުވުމަށް ގެންދިޔަ ތަކެތި އާންމު އުސޫލުން ބަލާ ފާސްކުރުމަށް އެދުމުން އެކަމަށް ދެކޮޅު ހާދާފައި ވާތީ ބައްދަލުވުން ކެންސަލް ކޮށްފައިވާ ކަމަށެވެ.



ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލުޙުކުމްގެ އިސްތިޢުނާފް ހައިކޯޓުގައި ކުރިއަށް ދާއިރު އެމައްސަލަ މިވަގުތު އޮތީ މަޑުޖެހިފައެވެ. ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓުންގެ ނަން ހުށައެޅުމަށް ހުޅުވާލާފައިވާއިރު ރައީސް ޔާމީންގެ ޖަލު ޙުކުމް ބާޠިލް ނުކުރެވިއްޖެނަމަ އެމަނިކުފާނަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން