އެއްގޮތް ނެތިއްޔާ އަނެއް ގޮތަކުން ރައީސް ނަޝީދު ފަތުރަމުންދަނީ ފިތުނަ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއުވާން މިމޭރުމުން ރައީސް ނަޝީދަށް ރައްދު ދެއްވާފައި މިވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސިއްހީ ހާލަތާމެދު އެ ޕާޓީގެ މެމްބަރުން ވިސްނައިވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވުމާ ގުޅިގެންނެވެ.

ޑިމޮކްރެޓުންގެ ހަރުގޭގައި ރޭ ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޞާލިޙަކީ ކޮންމެ ދުވަހަކު ހެނދުނު މުށެއް ފުރާ ބޭސް ފަރިއްކުޅުއްވަން ޖެހިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ. އަދި ރައީސް ޞާލިޙްގެ ހިތްޕުޅުގެ އާލާސްކަންފުޅާ ގުޅޭ ގޮތުންވެސް އަދަބާ ޚިލާފު ވާހަކަތަކެއް ރައީސް ނަޝީދު ވަނީ ދައްކަވާފައެވެ.

ރައީސް ނަޝީދުގެ މިވާހަކަތަކަށް ރައްދު ދެއްވަމުން ތަރުޖަމާން މިއުވާން ވިދާޅުވީ ރައީސް ނަޝީދަކީ ޕްރައިމަރީން ބަލިވީމާ ކާމިޔާބުކުރި ކެންޑިޑޭޓުގެ ފަހަތަށް ނާރަން އެކިފާޑުގެ ތާކުންތާކުނުޖެހޭ ބަހަނާ ދެއްކެވި ބޭފުޅެއް ކަމަށެވެ. އަދި ރައީސް ޞާލިޙާ ގުޅުވައި ފިތުނަވެރި ވާހަކަތައް ފެތުރުމުގައި ރައީސް ނަޝީދު މިހާރު ވެއްޓިފައިވާ ދަރަޖާމެދު ހިތާމަ ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

“އެއް ގޮތް ނެތިއްޔާ އަނެއް ގޮތަކުން ފަތުރަމުންދާ ފިތުނައިގެ އިތުރު ބޮޅެއް. އެ ދަރަޖައަށް އެފަދަ ބޭފުޅަކު ވެއްޓުނީތީ ހިތާމަ ކުރަން،” މިއުވާން ވިދާޅުވި އެވެ.

ރައީސް ނަޝީދު ރޭ ވިދާޅުވީ ވެރިކަމަކީ ޒުވާންކަމުގައި ކުރެވޭނެ ކަމެއް ކަމަށާއި އެއީ ޒުވާންކަމުގެ ރޫހުގައި ކޮށްދެވޭނެ މަސައްކަތެއް ކަމަށެވެ. އަދި ރައީސް ޞާލިޙް މުސްކުޅިވެއްޖެ ކަމަށްވެސް ރައީސް ނަޝީދު ރޭ ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން