އޭނާ ޖާމިނުކޮށް ހައްޔަރުކުރުމަށްފަހު ރައީސް ޔާމީން ދޫކޮށްދެއްވުމަށް މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު އެދިވަޑައިގެންފިއެވެ.

މެންބަރު ޠާރިޤު މިއަދު ވިދާޅުވީ ފުލުސް އޮފީހަށް ޙާޟިރުވުމަށް ޗިޓެއް ލިބިފައިވާކަމަށެވެ. އަދި އެޗިޓުގައިވާ ގޮތަށް މިހާރު މިދަނީ ފުލުސް އޮފީހަށް ޙާޟިރުވުމަށް ކަމަށް މެންބަރު ޠާރިޤު ވިދާޅުވިއެވެ.

މެންބަރު ޠާރިޤު ފުލުސް އޮފީހަށް ޙާޟިރުކުރަނީ މިމަހުގެ 20 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ޖުމްހޫރީ މައިދާނަށް އެއްވުމާ ގުޅިގެން އެސަރަޙައްދުގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގެ މައްސަލައިގައެވެ. އެ ބޭފުުޅުން ޖުމްހޫރީ މައިދާނަށް އެއްވީ ރައީސް ޔާމީނަށް އިންސާފު ހޯދައިދިނުމަށް ގޮވާލުމާއެކު ރިޔާސީ އިންތިހާބުގައި އެ މަނިކުފާނު ވާދަކުރަން ފުރުސަތު ހޯދަން ބާރުއެޅުމަށެވެ.

ޠާރިޤް ވަނީ އޭނާ ހައްޔަރުކުރުމަށްފަހު ރައީސް ޔާމީން ދޫކޮށްލުމަށް އެދިވަޑައިގެންފައެވެ. ޕީޕީއެމުން ބުނަމުންދަނީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ.



މިމަހުގެ 20 ވަނަ ދުވަހު ޖުމްހޫރީ މައިދާނުގެ މެދުގައި އިށީނުމުން ފުލުހުން ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ 4 މެމްބަރެކެވެ. އެއީ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އާއި، މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިޤު އާއި، މަޑުއްވަރީ ދާއިރާގެ މެންބަރު، އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިިނިސްޓަރު މުހައްމަދު ސައީދެވެ. މަޖިލިސް މެމްބަރުންގެ އިތުރުން ސިޓީ ކައުންސިލްގެ މެމްބަރުން ކަމުގައިވާ އިބްރާހިމް ސުޖާއު އަދި އަހުމަދު އައިފާންވެސް އެދުވަހު ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ އެ ބޭފުޅުން ހައްޔަރު ކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއްގައި މުޒާހަރާކުރުމުންކަމަށެވެ. އަދި ހައްޔަރުކުރި މެމްބަރުންގެ މައުލޫމާތު މަޖިލީހުގެ އިދާރާއާ ހިއްސާކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން