ކުރިޔަށްއޮތް ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ އިންތިޚާބީ އޭޖެންޓަކަށް ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް ހަމަޖައްސައިފި އެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން އިންތިހާބަށް ކުރިމަތިލައްވާ ކޮންމެ ކެންޑިޑޭޓަކުވެސް އެބޭފުޅެއް އިންތިހާބަށް ކުރިމަތިލުމުގެ ކުރިން އެބޭފުޅެއްގެ ރަސްމީ އިންތިހާބީ އޭޖެންޓަކު ކަނޑައަޅަންޖެހެއެވެ.

ނާޝިޒް ވަނީ މީގެ ކުރިން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިޙްގެ ކެމްޕޭން މެނޭޖަރުކަންވެސް ކުރަށްވާފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޞާލިޙާއި މެންބަރު ނާޝިޒުގެ ކުށުގެ ރިކޯޑް ސާފުކުރުމުގެ މަސައްކަތް އެމްޑީޕީން މިހާރު ވަނީ ފަށާފައެވެ.

"އުފާވެރި އަމާން ރާއްޖެ" ކެމްޕެއިނުގައި ރައީސް ޞާލިޙު މިހާތަނަށް ވަނީ ހއ. އަތޮޅަށާއި ކ. އަތޮޅަށާއި، ށ. އަތޮޅަށާއި، މ އަދި ވ އަތޮޅަށް ވަޑައިގެންފައެވެ. ރައީސް ޞާލިޙު އަތޮޅުތެރޭގެ ކެމްޕެއިން ފެއްޓެވީ ށ އަތޮޅުންނެވެ.

ރައީސް ޞާލިޙްގެ ރަނިންމޭޓަކަށް މިހާތަނަށް ބޭފުޅަކު ޢައްޔަނުކޮށްފައި ނުވާއިރު ރައީސް ޞާލިޙް ވިދާޅުވެފައިވަނީ މިވަގުތު އެންމެ އުނދަގޫ ނިންމުމަކަށް އޮތީ ރަނިންމޭޓެއްގެ މައްސަލަ ކަމަށެވެ. ރައީސްގެ ރަނިންމޭޓުކަމަށް ގިނަ ބަޔަކުދަނީ ޝައުޤުވެރިކަން ފާޅުކުރަމުންނެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ 9 ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިޚާބަށް ކުރިމަތި ލުމަށް ހުޅުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން