ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމް ފަނޑިޔާރު ކަމުން ވަކިކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ) އިން ނިންމަވައިފިއެވެ.

އަލްއުސްތާޛު ޢަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖޭ.އެސް.ސީން ނިންމަވާފައިވަނީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށްއެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ ޚަސްމަކަށް ގުޅައި މެސެޖުކޮށް ހެދި މައްސަލަ ތަޙުޤީޤުކުރުމަށްފަހުއެވެ.

ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށްއެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ ޚަސްމަކަށް ގުޅައި މެސެޖުކޮށް ހެދިކަމަށް ތުހުމަތުކޮށް، އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމްއާ ގުޅޭގޮތުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން އޭނާ ފުރަތަމަ ހުރީ ސަސްޕެންޑްކޮށްފައެވެ.

ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށްއެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ ޚަސްމަކަށް ގުޅައި މެސެޖުކޮށް ހެދި މައްސަލާގައި ޖޫން މަހުގެ 21ވަނަ ދުވަހު ނަގާފައިވާ ފަނޑިޔާރުގެ ބަޔާނަށް ރިޢާޔަތްކުރުމަށްފަހު، މިމައްސަލައިގެ ބާވަތަށާއި، ތަޙުޤީޤަށް ހޯދިފައިވާ މަޢުލޫމާތަށް ބަލައި، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު)ގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ތ) އަށް ރިޢާޔަތްކުރުމަށްފަހު، 24 ޖުލައި 2023 އިން ފަށައިގެން ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް، އެންގުމަށް ޖޭއެސްސީން އޮތީ ނިންމާފައެވެ.

ޖޭއެސްސީން ބުނީ މެޖިސްޓްރޭޓް ޢަލީ އާދަމްގެ މި ޢަމަލުތަކަކީ ފަނޑިޔާރުންގެ ޤާނޫނުގެ 32ވަނަ މާއްދާގެ (ހ)ގެ 5 ވަނަ ނަންބަރާއި، 6ވަނަ ނަންބަރާއި، 9ވަނަ ނަންބަރާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.8ވަނަ މާއްދާއާއި، 2.2ވަނަ މާއްދާއާއި، 2.3ވަނަ މާއްދާއާއި، 3.1 ވަނަ މާއްދާއާއި، 4.2ވަނަ މާއްދާއާ ޚިލާފު ޢަމަލުތަކެއްކަން ސާބިތުވާކަމަށެވެ.

އެހެންކަމުން އޭނާ ފަނޑިޔާރު ކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމަށް ނިންމަވާފައިވާކަމަށްވެސް ޖޭއެސްސީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން