އަހުމަދު އިބްރާހިމް   24 ޖުލައި 2023 - 19:7
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤުގެ އިތުބާރުނެތްކަމަށް އެކޮމިޝަނުން ފާސްކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ބައެއް މީޑިއާތަކަށް މަޢުލޫމާތުދެއްވާފައި ވާގޮތުގައި ފުއާދުގެ އިތުބާރު ނެތްކަމަށް ފާސްކުރީ ފުއާދު ފިޔަވައި އެކޮމިޝަނުގައި ދެންތިބި މެމްބަރުންގެ މެދުގައި ނެގި ވޯޓަކުންނެވެ. އެވޯޓުނެގި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ހަބީބެވެ.

މައްސަލައަކީ "ދަ ޑިމޮކްރެޓްސް" ރަޖިސްޓަރީ ކުރުމުގެ ތެރޭގައި ފުވާދު މީޑިއާގައި ދެއްކެވި ވާހަކަތަކާމެދު ދެން ތިއްބެވި މެމްބަރުން ހިތްހަމަނުޖެހުމެވެ. އެވާހަކަތަކާ ގުޅިގެން މެމްބަރުންގެ މެދުގައި ފުއާދާމެދު އިތުބާރު ގެއްލިފައިވާކަމަށް ހަބީބު ވިދާޅުވެފައިވެއެވެ.

އެވާހަކަތައް ފުއާދު ދެއްކެވިފަހުން އޭނާ ބައިވެރިވެވަޑައިގަންނަވާ އެއްވެސް ޖަލްސާއެއްގައި ދެންތިއްބެވި ތިން މެންބަރުން ބައިވެރިވެވަޑައި ނުގަންނަވާކަމަށާ، ފުއާދު ބައިވެރިވެޑައިގަންނަވާ ޙަރަަކާތެއްގައިވެސް ބައިވެރިވެވަޑައި ނުގަންނަވާކަމަށް ހަބީބު ވިދާޅުވެފައިވެއެވެ.

މިހާރު އެކޮމިޝަނުގެ އެތެރޭގެ ޙާލަތު އޮތްގޮތުން ފުއާދަށް ދަތިތަކެއް ހުރިނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދަން ބޭނުންވާތީ ފުއާދު ވަނީ ޖަލްސާތައް ބޭއްވުމާއި އެއާ ގުޅޭ ކަންކަން ހަބީބާ ހަވާލު ކުރަށްވާފައިކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ފުއާދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުކަމަށާ، އެކަން ފާސްކުރީ މިއަދުކަމަށް މަޢުލޫމާތުލިބެއެވެ.

ފުއާދުގެ އިތުބާރު ނެތްކަމަށް އެކޮމިޝަނުން ފާސްކުރިނަމަވެސް ފުއާދު ވަކި ކުރެވޭނެ ގާނޫނީ ބުރަދަނެއް ނެތްކަމަށާ، އެކަން މެންބަރުންނަށް ވެސް އެނގިވަޑައިގަންނަވާ ކަމަށް ހަބީބް ވިދާޅުވެފައިވެއެވެ.

ގާނޫނުގައި ވާގޮތުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރަކު ވަކިކުރަންޖެހޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެކަންކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ވޯޓަކުންނެވެ.

ފުއާދުގެ އިތުބާރު ނެތްކަމަށް އީސީން ފާސްކުރި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ރިޔާސަތުގައި އިންނެވި ހަބީބާއެކު 4 މެމްބަރެކެވެ. ފާސްކުރީ ހަބީބު ފިޔަވައި ދެން ތިއްބެވި އަލީ ނަޝާތާއި ޑރ. މުހައްމަދު ޒާހިރާއި މުހައްމަދު އާސިފުގެ ވޯޓުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން