ކުރީގެ ނައިބުރައީސް އަޙްމަދު އަދީބު ރާއްޖޭން ބޭރުގައި ހުންނަވާ މުއްދަތު ކަރެކްޝަނުން އިތުރުކޮށްދީފިއެވެ.

އަދީބު ސިންގަޕޫރަށް ވަޑައިގެންނެވީ ސިއްޙީ ތަޖުރިބާކާރުންގެ ލަފާގެ މަތިން އެމަނިކުފާނުގެ ފުރާނައަށް ނުރައްކާތެރި ބައްޔަކަށް ފަރުވާ ހޯއްދެވުމަށްކަމަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ޕާޓީ (އެމްޓީޑީ) އިން ވަނީ ބުނެފައެވެ. ނާރުގެ ނުރައްކާތެރި ބައްޔަކަށް ފަރުވާ ހޯއްދެވުމަށް އަދީބު ސިންގަޕޫރަށް ފުރައިވަޑައިގަތީ މި މަހުގެ 11ވަނަ ދުވަހެވެ.

ކަރެކްޝަނުން މިއަދު ބުނީ ކުރީގެ ނައިބް ރައީސް އަޙްމަދު އަދީބް ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ދިއުމަށް ދެވުނު މުއްދަތު ހަމަވުމުގެ ކުރިން ހުށަހަޅާފައިވާ މެޑިކަލް ޑޮކިއުމެންޓްތަކަށް ރިޢާއަތްކޮށް، އޭނާއަށް ދެވިފައިވާ ހުއްދަ ވަނީ 28 އޮގަސްޓް 2023 އާ ހަމައަށް އިތުރުކުރެވިފައި ކަމަށެވެ.

މިވަގުތު ޙުކުމެއް ތަންފީޒު ކުރަށްވަމުން ގެންދަވާ އަދީބުގެ ބޭސް ފަރުވާއަށް ކަރެކްޝަނަލް ސާވިސްއިން މީގެކުރިން ވަނީ 10 ދުވަސް ދީފައެވެ. ކަރެެކްޝަނުން ބުނީ، އަދީބަށް ރާއްޖޭންބޭރަށް ވަޑައިގަތުމުގެ ހުއްދަ ދިނީ ރާއްޖޭގައި ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް ކަމަށާއި އެއީ އެ އިދާރާގެ މެޑިކަލް ބޯޑުގެ ލަފައާއެކު ނިންމި ނިންމުމެއްކަމަށެވެ.

ކަރެކްޝަނުން ބުނީ ރާއްޖެއިން ބޭރުގައި އަދީބު ހުންނަވާ މުއްދަތުގައި އެ ސަރވިސް އާއި ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެން މޮނިޓަރކުރަމުން ގެންދާނެކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި 20 އަހަރަށް ޖަލަށް ހުކުމްކޮށްފައި ވީނަމަވެސް އަދީބުގެ ސިއްޙީ ސަބަބުތަކަކަށްޓަކައި އޭނާވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.

މީގެކުރިންވެސް އަދީބު ވަނީ ކަރެކްޝަނަލް ސަރވިސްއިން ހުއްދައެއްގެ ދަށުން ފަރުވާއަށް އިންޑިއާއަށް ވަޑައިގެންފައެވެ. ނަމަވެސް ބޭސްފަރުވާއަށް ފަހު ވަނީ އެނބުރި ވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން