ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމް ކުރަށްވަމުން ގެންދަވަނީ ޖިހާދެއް ކަމަށާއި އެކިފަރާތްތަކުން ކުރިމަތިކުރާ ފިތުނަތަކުގައި ޕީޕީއެމް ނުޖެހޭނެ ކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ފޯމް ހުށައެޅުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވާއިރު ޑރ. މުޢިއްޒުގެ ވީޑިއޯއެއް މީސްމީޑިއާގައި މިހާރުދަނީ ދައުރުވަމުންނެވެ. އެވީޑިއޯގައި ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ މިވަގުތު ޕީޕީއެމްގެ މެންބަރުން ކުރަން އޮތްހާވެސް މަސައްކަތަކީ ރައީސް ޔާމީން ޖަލުން މިނިވަންކުރުމަށް ކުރަންޖެހޭ މަސައްކަތް ކަމަށެވެ.

އެގޮތުން ރައީސް ޔާމީން ކުރަށްވާ ޖިހާދުގައި އެންމެންވެސް ބައިވެރިވުމަށް ޑރ. މުޢިއްޒު ވަނީ ގޮވާލައްވާފައެވެ. އަދި އެއްވެސް ފަރާތަކުން ކުރިމަތިކުރާ ފިތުނަތަކުގައި ޕީޕީއެމްގެ މެންބަރުން ބައިވެރިވެގެން ނުވާނެ ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

“ޤައުމުގެ ޙައްޤުގައި އަޅުގަނޑުމެން އެންމެން އެކަތިގަނޑަކަށް މިވަގުތު ވާންޖެހޭ. އެގޮތަށް މަސައްކަތް ކޮށްފިނަމަ މިޚުތޫރަތްތެރި ދަނޑިވަޅުގައި މި ޤައުމުގެ ޙަޔާތުގައި އައިސްފައިމިވާ ޚުތޫރަތްތެރި ދަނޑިވަޅުގައި ނަތީޖާ ރަނގަޅުވެގެންދާނެ.” ޑރ. މުޢިއްޒު ވިދާޅުވިއެވެ.



މުޢިއްޒު މިމޭރުމުން ވިދާޅުވެފައިވާއިރު ރައީސް ޔާމީން މިހާރު ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ކުރަށްވާފައެވެ. އެކަން ކުރައްވާފައި ވަނީ ކަރެކްޝަނަލް ސާރވިސް މެދުވެރިކޮށެވެ. ނަމަވެސް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ރައީސް ޔާމީން މިހާތަނަށް ފޯމް ހުށަހަޅާފައެއް ނުވެއެވެ.

ގާނޫނުގައި އޮންނަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ފޯމް ހުށަހަޅަންޖެހޭނީ ރަނިންމޭޓްގެ ނަމާއެކުއެވެ. އެމަނިކުފާނު މިހާތަނަށް ރަނިންމޭޓެއް ކަނޑައަޅުއްވާފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން