މޯލްޑިވްސް ނެޝަނަލް ޕާޓީ އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމްގެ އިންތިހާބީ އެޖެންޓަކަށް ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ހަމަޖައްސަވައިފިއެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން އިންތިހާބަށް ކުރިމަތިލައްވާ ކޮންމެ ކެންޑިޑޭޓަކުވެސް އެބޭފުޅެއް އިންތިހާބަށް ކުރިމަތިލުމުގެ ކުރިން އެބޭފުޅެއްގެ ރަސްމީ އިންތިހާބީ އޭޖެންޓަކު ކަނޑައަޅަންޖެހެއެވެ.

އެމްއެންޕީން ބުނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ އިންތިހާބީ އެޖެންޓަކަށް އުޝާމް ހަމަޖައްސާފައިވާ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ހާމަކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ ޓިކެޓުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި، ޕީޕީއެމްގެ ޓިކެޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޖޭޕީގެ ޓިކެޓުގައި ޤާސިމް އިބްރާހިމާއި، އެމްއެންޕީގެ ޓިކެޓުގައި ވާދަކުރަށްވާ މުހައްމަދު ނާޒިމް ހިމެނެއެވެ.

މީގެ އިތުރުން އަމިއްލަ ގޮތުން ޢުމަރު ނަސީރާއި ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރުގެ އިތުރުން އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން ވެސް ވަނީ އިންތިހާބުގައި ވާދަކުރަން ނިންމާފައެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ 9 ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިޚާބަށް ކުރިމަތި ލުމަށް ހުޅުވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު