ޤައުމުގެ ޙާލަތު އޮތީ ފުދޭވަރެއްގެ ނާޒުކު ޙާލަތެއްގައިކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ރައީސް އަޙްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

އެމްއާރުއެމް އާއި ޖުމްހޫރީޕާޓީ އާ ދެމެދު މިއަދު ބޭއްވި މަޝްވަރާތަކަށްފަހު މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ފާރިސް ވިދާޅުވީ ޤައުމުގެ ޙާލަތު މިވަގުތު އޮތީ ފުދޭވަރެއްގެ ނާޒުކު ޙާލަތުގައި ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް ސިޔާސީ ފަރާތްތަކުން ޒިންމާ އަދާކުރަންޖެހޭ ކަމަށް ފާރިސް ވިދާޅުވިއެވެ.

މިއަދުގެ މަޝްވަރާތަކަކީ އުންމީދީ ބައްދަލުވުމެއްކަމަށާއި ޖުމްހޫރީ ޕާޓީ އާއި އެމްއާރުއެމްގެ މެދުގައި ގިނައީ އެއްބަސްވެވޭ ކަންތައްތައް ކަމަށް ފާރިސް ވަނީ ވިދާޅުވެފައެވެ. އަދި ދެޕާޓީގެ ދެމެދުގައި އިތުރު މަޝްވަރާތަކެއް ކުރިއަށް ގެންދާނެ ކަމުގެ އިޝާރާތްވެސް ފާރިސް ދެއްވިއެވެ.

ފާރިސް ވިދާޅުވީ އިންތިޚާބެއްގައި ރައްޔިތުންނަށް ދޭ އުންމީދަކީ 5 އަހަރުގެ ދައުރެއްގައި ފުރިހަމަކޮށްދެވޭނެ ކަންތައްތަކަކަށް ވާންޖެހޭނެ ކަމަށެވެ. އެގޮތުން އެމްއާރުއެމުން އަބަދުވެސް މަސައްކަތް ކުރަންދާނީ އެގޮތަށް ކަމަށް ފާރިސް ވިދާޅުވިއެވެ.

“ވަރަށް ފަސޭހަކަމެއް އަޅުގަނޑުމެނަށް ކެމްޕޭނެއްގައި ނިކުމެ އެވެނިކަމެއް މިވެނިކަމެއް ކޮށްދޭނަމޭ ބުނުމަކީ. އެހެން ނަމަވެސް އަޅުގަނޑުމެން މަސައްކަތް ކުރާނީ ވަރަށް ޒިންމާދާރުކަމާ އެކީގައި.” ފާރިސް ވިދާޅުވިއެވެ.

މިވަގުތުއޮތް ސަރުކާރު ކޯލިޝަނަށް އަލިއަޅުވާލައްވަމުން ފާރިސް ވިދާޅުވީ އެމްއާރުއެމުން މަސައްކަތް ކުރަމުންދަނީ 2018 ގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކަމަށެވެ. އަދި އެއްބަސްވުމާ އެއްގޮތަށް އިޚްލާސްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި އެމްއާރުއެމް ދެމި އޮންނާނެ ކަމަށް ފާރިސް ވިދާޅުވިއެވެ.

ސިޔާސީ މަސައްކަތުގައި މީހެއްގެ ވަށައިގެން އެނބުރުމަކީ ރައްޔިތުންނަށް ފައިދާވާނެ ކަމެއް ނޫންކަމަށްވެސް ފާރިސް މިއަދު ވިދާޅުވިއެވެ. ރައްޔިތުންނަށް އެންމެ ފައިދާ ބޮޑުވާނީ ސިޔާސަތުތަކެއްގެ ވަށައިގެން އެނބުރުމުން ކަމަށް ފާރިސް ވަނީ ފާހަގަކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު