ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށައެޅި އާމައްސަލަވެސް ބޭރުކޮށްލައިފިއެވެ.

ޖަލު ހުކުމެއްގައި ހުންނެވި ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހޮނިހިރު ދުވަހުގެރޭ ހުށަހެޅުއްވި ފުރަތަމަ ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމީ ދުސްތޫރީ މައްސަލައަކަށް ނުވާތީ އެވެ. އިތުރު މައްސަލައެއް މިއަދު ހުށަހެޅި ނަމަވެސް އެ މައްސަލަވެސް މިއަދު ކޯޓުން ބަލައިގެންފައެއް ނުވެއެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ސުޕްރީމް ކޯޓަށް ހުށަހެޅި އާ މައްސަލައަކީ ހައި ކޯޓުގައި ކުރިއަށްދާ އިސްތިއުނާފީ މައްސަލަ ލަސްވާތީ ގާނޫނު އަސާސީގެ 56 ވަނަ މާއްދާގައި ބަޔާންކުރާ ހައްގު ކަށަވަރުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލަ އެކެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން މިއަދު ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް ނިންމީ އެއީ ސުޕްރީމް ކޯޓުގެ އަސްލީ އިހްތިސާސްގެ ތެރޭގައި ހިމެނޭ، ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ފަދަ ދުސްތޫރީ މައްސަލައަކަށް ނުވާތީ ކަމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ ނިންމުމުގައިވެއެވެ.

ރަޖިސްޓްރާ އެގޮތަށް ނިންމެވި ނަމަވެސް، އެ ނިންމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާނެއެވެ. ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ފުރަތަމަ ހުށައެޅުއްވި މައްސަލާގައި ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމަވާފައިވަނީ ރައީސް ޔާމީން ހުށަހަޅާފައިވާ މައްސަލައަކީ ކޯޓުތަކުގެ ގާނޫނުގައި ބުނާ ފަދަ ދުސްތޫރީ މައްސަލައެއް ނޫން ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ފުރުސަތު ހުޅުވާލާފައިވާއިރު ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމާއި ގުޅިގެން ކެނޑިޑަސީ ބަލައިގަތުމާއި މެދު ވަނީ ސުވާލު އުފެދިފައެވެ.

ރައީސް ޔާމީން މިހާރުވަނީ އެމަނިކުފާނުގެ ކެނޑިޑެސީ ފޯމުވެސް ފުރިހަމަ ކުރަށްވާފައެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލުޙުކުމްގެ އިސްތިޢުނާފް ހައިކޯޓުގައި ކުރިއަށް ދާއިރު އެމައްސަލަ މިވަގުތު އޮތީ މަޑުޖެހިފައެވެ. ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓުންގެ ނަން ހުށައެޅުމަށް ހުޅުވާލާފައިވާއިރު ރައީސް ޔާމީންގެ ޖަލު ޙުކުމް ބާޠިލް ނުކުރެވިއްޖެނަމަ އެމަނިކުފާނަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން