މިނިވަންކަމަކީ ހަމައެކަނި އަސްކަރީ ބާރާއި ގުޅިފައިވާ ކަމެއް ނޫންކަމަށް ދިފާޢީ ވަޒީރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ 58 ވަނަ މިނިވަން ދުވަހާ ގުޅިގެން މިނިސްޓަރ މާރިޔާ ވިދާޅުވީ މިނިވަން ދުވަހަކީ މިވަތަނުގެ ލޭނާރު ތަކުގައި ހިނގާ މިނިވަންކަމުގެ ވިންދު އިހްތިފާލްކުރާ ދުވަސް ކަމަށެވެ. މިނިވަން ކަމަކީ ހަމައެކަނި އަސްކަރީ ބާރާއި ގުޅިފައިވާ ކަމެއް ނޫން ކަމަށާއި މުޅި ދިވެހި މުޖުތަމައާއި ދިވެހި ކޮންމެ ރައްޔިތަކާއި ގުޅިފައިވާ ކަމެއް ކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ.

މާރިޔާ ވިދާޅުވީ ރައްޔިތުންނަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އަދުލު އިންސާފު ގާއިމުވުމާއި ހަމަހަމަ ފުރުސަތު ހޯދައިދިނުމާއި ވިޔަފާރިއާއި އިގްތިޞާދުގައި ރައްޔިތުންނަށް ބައިވެރިވެވޭނެ މާހައުލެއް އޮތުމާއި ރައްޔިތުންގެ ފުދުންތެރިކަން އިތުރުވުމަކީވެސް ގައުމުގެ މިނިވަންކަމާ ގުޅިފައިވާ މުހިއްމު ކަންކަން ކަމަށެވެ.

މިނިވަން ދުވަހަކީ ދީނާއި ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި ދިވެހި ގައުމިއްޔަތުގެ ރުކުންތަކާއި ދިވެހި ވަންތަކަން ދެމެހެއްޓުމަށް ހިތްވަރުގަދަ އެތައް ބަތަލުން ވެވަޑައިގެންނެވި އަގު ނުކުރެވޭ ގުރުބާނީ ރަމްޒު ކޮށްދޭ ދުވަހެއްކަން މާރިޔާ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ސަރަހައްދާއި ދިވެހިންގެ ބިން ވަރުބަލިކަމެއް ނެތި ރައްކާތެރިކަމާއެކު ބަލަހައްޓާ ދިވެހި ސިފައިންގެ ހިދުމަތަށް މާރިޔާ ޝުކުރުއަދާކުރެއްވިއެވެ.

ތަފާތު ހިޔާލުތަކަށް ޖާގަދީ އެކަކު އަނެކަކަށް އިހުތިރާމުކޮށް ގުޅިގެން މަސައްކަތް ކުރުމަކީވެސް މިނިވަންކަމާއި ގައުމުގެ ހަމަޖެހުން ދެމެހެއްޓުމަށް މުހިއްމު ކަމެއްކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި ބަދަލުވަމުންދާ ސަރަހައްދީ މާހައުލާއި އިސްތިރާޖީ ހަލަބޮލި ކަމުގެ ތެރެއިން މި ގައުމުކުރާ ދަތުރު އަމާންކަމާއި އޮމާންކަމާއި ހަމަޖެހުމާއެކު ކުރިއަށް ގެންދިއުމުގެ ހަކަތައަކީ އެއްބައިވަންތަކަން ކަމަށް މާރިޔާގެ ޚިޠާބުގައި ވިދާޅުވިއެވެ.

މާރިޔާ އިތުރަށް ވިދާޅުވީ ރާއްޖޭގެ މިނިވަން ފަޒާގައި ދިވެހި ދިދަ ވިހުރުވައި ފަހުރާއެކު ހަރުއަޑުން ގައުމީ ސަލާމް ކިޔާއިރު ކޮންމެ ފަރުދަކީވެސް މި ގައުމުގެ މުސްތަގުބަލު ބިނާކުރުމުގައި މުހިއްމު ޒިންމާއެއް އޮތް މީހެއްކަން ގަބޫލުކުރުމަކީވެސް މިއަދު ވިސްނަންޖެހޭ މުހިންމު ކަމެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން