ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަބުރުގައި ވެރިކަންކުރާ އެމްޑީޕީއާއެކު މަސައްކަތް ނުކުރަން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ނިންމައިފިއެވެ.

އެމްއާރުއެމުން ނެރުނު ބަޔާނެއްގައި ބުނީ އެމްޑީޕީން ހުށަހަޅާފައިވާ ބައެއް ސިޔާސަތުތަކަށް އެ ޕާޓީއަށް އެއްބަސް ނުވެވޭތީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީ އާއެކު މަސައްކަތް ކުރަން ނުފެންނަ ކަމަށް ނިންމާފައިވާ ކަމަށެވެ.

ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކީގައި ކޯލިޝަން ހެދުމަށް ރައީސް ޞާލިޙް ވަނީ ވަރަށް ގިނަ ސިޔާސީ ޕާޓީތަކަށް ދައުވަތު ދެއްވާފައެވެ. އޭގެ ތެރޭގައި އެމްއާރުއެމް ވެސް ހިމެނެއެވެ. އެމްއާރުއެމްގެ ބަޔާނުގައި ވަނީ ރައީސް ޞާލިޙް، އެމްއާރުއެމްގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ދެއްވި ދައުވަތާ ގުޅިގެން މަޝްވަރާ ކުރުމަށް އެމްޑީޕީގެ އިސް ފަރާތްތަކާއެކު އެކި ބައްދަލުވުންތައް ބާއްވާފައިވާ ކަން ފާހަގަކޮށްފައެވެ.

އެމްއާރުއެމުން ބުނީ އެމްޑީޕީގެ އިސްވެރިންނާ އެކު މެއި 1 ގައި އެމްއާރުއެމް އޮފީހުގައި ބޭއްވި ބައްދަލުވުމަށް ފަހު، އެމްޑީޕީން ހުށަހެޅި ކަންތައްތައް އެމްއާރުއެމްގެ އެސްކޯގައި މަޝްވަރާ ކުރި އިރު، ބައެއް ސިޔާސަތުތަކަށް އެއްބަސް ނުވެވޭ ކަމަށެވެ. އެހެންވެ ޕާޓީގެ އެގްޒެކްޓިވް ކޮމިޓީން ނިންމާފައި ވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއާ އެކުގައި މަސައްކަތް ނުކުރުމަށެވެ.

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާ އެކު މަސައްކަތް ކުރުމަށް ކޯލިޝަން ހަދާފައިވަނީ އަދާލަތާއި އެމްޑީއޭއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން