އެމްޑީޕީގެ ސިޔާސަތުތައް ކަމުނުދިއުމަކީ ރައްޔިތުންގެ ސިޔާސަތުތައް ކަމުނުދިއުން ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއަރޕާސަންގެ ނާއިބު އިބްރާހީމް ވަހީދު (މަދަނަ އިބުރޭ) އެމްއާރުއެމަށް ފާޑުވިދާޅުވެއްޖެއެވެ.

މަދަނަ އިބުރޭ އެމްއާރުއެމަށް ފާޑުވިދާޅުވެފައިވަނީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގައި އެމްޑީޕީއާއެކު މަސައްކަތް ނުކުރުމަށް އެމްއާރުއެމުން ނިންމުމާ ގުޅިގެންނެވެ. އެމްއާރުއެމުން ބުނެފައިވަނީ އެމްޑީޕީގެ ބައެއް ސިޔާސަތުތަކަށް އެޕާޓީއަށް މުޅިން އެއްބަސްނުވެވޭ ކަމަށެވެ.

އެކަމާ ގުޅިގެން އިބުރޭ ވިދާޅުވީ އެމްޑީޕީގެ ސިޔާސަތު ތަކަކީ ރައްޔިތުންގެ ގާތުން އަހައި އޮޅުންފިލުވައިގެން އެކުލަވާލާ ސިޔާސަތުތަކެއް ކަމަށެވެ. އެހެންކަމުން އެމްޑީޕީގެ ސިޔާސަތުތައް ކަމުނުދިއުމަކީ ރައްޔިތުންގެ ސިޔާސަތުތައް ކަމުނުދިއުން ކަމަށް އިބުރޭ ވިދާޅުވިއެވެ.

އިބުރޭ ވިދާޅުވީ އެމްއާރުއެމުން އެއްޑީޕީއާއެކު މަސައްކަތް ނުކުރުމަށް ނިންމި ނަމަވެސް އެކަމުގެ ސަބަބުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އެމްޑީޕީއަށް އެއްވެސް ހުރަހެއް ކުރިމަތިނުވާނެ ކަމަށެވެ. އަދި އެއީ އެމްޑީޕީން ކަންބޮޑުވާ ނިންމުމެއް ނޫންކަމަށާއި އެކަމުން އެމްޑީޕީއަށް އެއްވެސް ގޮންޖެހުމެއް ކުރިމަތި ނުވާނެ ކަމަށްވެސް އިބުރޭވަނީ ވިދާޅުވެފައެވެ.

ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ އެކީގައި ކޯލިޝަން ހެދުމަށް ރައީސް ޞާލިޙް ވަނީ ވަރަށް ގިނަ ސިޔާސީ ޕާޓީތަކަށް ދައުވަތު ދެއްވާފައެވެ. އޭގެ ތެރޭގައި އެމްއާރުއެމް ވެސް ހިމެނެއެވެ. އެމްއާރުއެމުން ބުނީ އެމްޑީޕީއާއެކު އެކި ބައްދަލުވުންތައް ބާއްވާފައިވާކަމަށާއި އެމްޑީޕީން ހުށަހެޅި ކަންތައްތައް އެމްއާރުއެމްގެ އެސްކޯގައި މަޝްވަރާ ކުރި އިރު، ބައެއް ސިޔާސަތުތަކަށް އެއްބަސް ނުވެވޭ ކަމަށެވެ.

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާ އެކު މަސައްކަތް ކުރުމަށް ކޯލިޝަން ހަދާފައިވަނީ އަދާލަތާއި އެމްޑީއޭއެވެ.

އެމްއާރުއެމުން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވާއިރު، އެ ޕާޓީގެ ރައީސް ފާރިސް މައުމޫން ވަނީ އިންތިހާބުގައި ވާދަކުރުމަށް ސޮއި ހޯއްދަވަން ފައްޓަވާފައެވެ. ރިޔާސީ އިންތިހާބަށް ކުރިމަތިލާން ހުޅުވާލާފައިވާ މުއްދަތު ހަމަވާނީ އަންނަމަހުގެ 7 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން