ވެރިކަން ކުރާ ހިތްވުމަކީ އެކަމަށް ނުކުންނަންޖެހޭ ސަބަބެއް ނޫންކަމަށް ޢަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް ދެވަނަ ދައުރަކަށް އިންތިޚާބު ކުރުމަށް އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވާ ޢަދާލަތު ޕާޓީގެ ރައީސް މިމޭރުމުން ވިދާޅުވެފައިވަނީ ރާއްޖޭގެ މީޑިއާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިމްރާން ވިދާޅުވީ ވެރިކަން ކުރާ ހިތްވުމަކީ އެކަމަށް ނުކުންނަންޖެހޭ ކަމެއް ނޫން ކަމަށާއި އެކަމަކީ ވަގުތާއި ހާލަތާއި އެއްކޮށް މަގުފަހިވާ ކަމެއް ކަމަށެވެ. އަދި އެކަމަށް މާބޮޑު މަސައްކަތްތަކެއް ކުރަން ނުޖެހޭނެ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

ހަމައެއާއެކު މިސަރުކާރު ކޯލިޝަންގެ ބައިވެރިން ވަކިން އިންތިޚާބުގައި ވާދަކުރެއްވުމަކީ ރައްޔިތުންނަށް ހެޔޮ އެދިގެން ކުރާ ކަމެއް ނޫން ކަމަށްވެސް އިމްރާން ވިދާޅުވިއެވެ. އޭގެ އިތުރުން ކަމަކަށް ތިމާ ޝައުޤުވެރިވީ ނަމަވެސް ރައްޔިތުން އެދޭގޮތަށްވެސް ބަލަންވާނެ ކަމަށް އިމްރާން ވިދާޅުވެފައިވެއެވެ.

އެގޮތުން އިންތިޚާބުގެ ކެމްޕޭންގައި އިދިކޮޅު ފަރާތްތަކާއެކު ރައްޔިތުންގެ މާބޮޑު ފޯރިއެއް ނެތުމަކީ ސަރުކާރު ހިނގާގޮތް ރައްޔިތުންނަށް ކަމުދިއުން ކަމަށާއި މިހާރު އޮތް ހަމަޖެހުން އެގޮތުގައި ދަމަހައްޓަން ރައްޔިތުން ބޭނުންވުންކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއެކު ކުރިއަށް ދިއުމަށް ޢަދާލަތު ޕާޓީން އިއްތިހާދު ވެފައިވާއިރު ސަރުކާރުގެ ކޯލިޝަން ޕާޓްނަރ ޖުމްހޫރީ ޕާޓީއާއި އެމްއާރުއެމުން ވަނީ އިންތިޚާބުގައި ވަކިން ވާދަކުރާނެކަން އިޢުލާނު ކޮށްފައެވެ. އަދި ސަރުކާރާ ފެޔަށް ޖެހިވަޑައިގެން ރައީސް ނަޝީދުވެސް ގެންދަވަނީ ޑިމޮކްރެޓްސް އާއެކު އިންތިޚާބުގެ މަސައްކަތްތައް ކުރިއަށް ގެންދަވަމުންނެވެ.

ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ ސެޕްޓެމްބަރ 9 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން